ޚަބަރު

އެސްޓީއޯގެ ކޯސް ހަދާ ދަރިވަރުންނަށް އޭޑީކޭއިން އިންޓާންޝިޕް ފުރުޞަތު


އެސް.ޓީ.އޯގެ ކުރިއަށްގެންދާ ރޭޑިއޯގްރަފީ ކޯސް ހަދާ ދަރިވަރުންނަށް އޭޑީކޭ ހޮސްޕިޓަލުން އިންޓާންޝިޕް ފުރުޞަތު ފަހިކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ މަރިޔަމް ނުޒްލާއެވެ. އަދި އޭ.ޑީ.ކޭ ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އައްފާލެވެ. މި އެއްބަސްވުމުގެ ސަބަބުން، ކޯހުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ މަސައްކަތު ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު އޭޑީކޭ ހޮސްޕިޓަލުން ފަހިވެގެންދާނެކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.

އެސް.ޓީ.އޯއާއި ޖީ.އީ ހެލްތް ކެއަރއާއި ގުޅިގެން "ޑިޕްލޮމާ އިން ރޭޑިއޯގްރަފީ" ކޯސް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މި ކޯހުގައި 2 އަހަރު ދުވަހުގެ ކިޔެވުމާއިއެކު 6 މަސް ދުވަހުގެ އަމަލީ ތަޖުރިބާ ލިބިގެންދާނެއެވެ. އަދި މިއީ އެސްޓީއޯގެ ސްކޮލަރޝިޕްގައި ތަމްރީނުވުމަށް ލިބޭ ރަނުގެ ފުރުޞަތެއްގެ ގޮތުގައި އެކުންފުނިން ފާހަގަކުރެއެވެ.

ރޭޑިއޯގްރަފީއަކީ ރޭޑިއޭޝަން މެދުވެރިކޮށް އެތެރެ ހަށީގެ ގުނަވަންތަކުގެ ފޮޓޯ ނެގުމެވެ. އަދި ރޭޑިއޯގްރާފަރުންނަކީ އެކްސް-ރޭއާއި އަލްޓްރާ ސައުންޑް ސްކޭނާއި، އެމް.އާރް.އައި އަދި މެމޯގްރާފް ނެގުމުގެ ޚިދުމަތް ފޯރުކޮށްދޭ ބައެކެވެ.

ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބަލާއިރު، މާލެއާއި އަތޮޅުތަކުގެ ހޮސްޕިޓަލުގައިވެސް ރޭޑިއޯގްރާފަރުންގެ ގޮތުގައި ނިސްބަތުން ގިނައިން މަސައްކަތް ކުރަނީ ބިދޭސީންނެވެ. އެހެންކަމުން މިދާއިރާއަށް ތަޢުލީމާއި ތަމްރީން ލިބިފައިވާ ދިވެހިން ނެރުމަކީ ހެލްތު މިނިސްޓްރީގެ އަމާޒެކެވެ.

ހެލްތު މިނިސްޓްރީއާއި، އެމް.އެން.ޔޫ އަދި އެސް.ޓީ.އޯ ގުޅިގެން ކުރިއަށްގެންދާ ޑިޕްލޮމާ އިން ރޭޑިއޯގްރަފީ ކޯހުގެ މަޤްސަދަކީ ވަޒީފާގެ ބާޒާރުގައި ރޭޑިއޯގްރަފީ ޓެކްނީޝަނުންގެ ގޮތުގައި ދިވެހިން ބިނާކޮށް އަދި ވަޒީފާ އަދާކުރާ ފެންވަރު ހުރި ދިވެހިން އިތުރުކުރުމެވެ.

މި ކޯސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޖީއީ ހެލްތް ކެއަރގެ ކަރިކިއުލަމްއަކަށް "ފުލްޓައިމް" ކޯހެއްގެ ގޮތުގައިއެވެ. އަދި ކޯސް ފުރިހަމަކުރާ ފަރާތްތަކުން މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އިން ހިންގާ ޑިގްރީ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މި ކޯސް ކުރިއަށްދާނީ ކްލާސްރޫމް ގަޑިތަކުގެ އިތުރުން ލެބް ޓްރެއިނިންގތައްވެސް ހިމަނައިގެންނެވެ.

މިއީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މިންގަނޑުތަކާއި އަދި މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގެ މިންގަނޑުތަކާއި އެއްގޮތަށް ކުރިއަށްގެންދާ ކޯހެކެވެ. އަދި މި ކޯހުން ފާސްވާ ބައިވެރިންނަށް ލެވެލް 5 ގެ ނެޝަނަލް ސެޓްފިކެޓްއެއް ލިބިގެންދާނެއެވެ.