ޚަބަރު

ހުޅުމާލޭ ހޮސްޕިޓަލުގައި އަންހެނަކު ވިހެއުމުގެ ތެރޭގައި ދިމާވި މައްސަލަތަކެއް ބަލަން ފަށައިފި


ހުޅުމާލޭ ހޮސްޕިޓަލުގައި އަންހެނަކު ވިހެއުމުގެ ތެރޭގައި ހޮސްޕިޓަލުން އިހުމާލުވިކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފިއެވެ.

ހުޅުމާލެ ހޮސްޕިޓަލުން މިމައްސަލަ ބަލަން ފަށާފައި މިވަނީ ހުޅުމާލޭ ހޮސްޕިޓަލުގެ ލިފްޓުގައި މިމަހުގެ 16 ވަނަ ދުވަހުގެ ރޭގަނޑު މާބަނޑު އަންހެނަކު ވިހެއި މައްސަލައެއް ދާދި ފަހުން ސޯޝަލް މީޑިއާގައި ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މި މައްސަލަ ހޮސްޕިޓަލުގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުން ބަލަމުންދާކަމަށެވެ. އަދި މިކަން ހިނގާދިޔަގޮތް ބެލުމަށްފަހު، ހޮސްޕިޓަލުގެ ޕޭޝަންޓް ކެއަރ ރަނގަޅުކުރުމަށް ކުރަންޖެހޭކަމެއްވާނަމަ އެކަންކަން ކުރުމަށް ހޮސްޕިޓަލުގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައްކުރުމުގައި އެ ހޮސްޕިޓަލުން ފަސްނުޖެހޭނެކަމަށްވެސް ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވެއެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވީ، އެ ހޮސްޕިޓަލުގެ އަބަދުވެސް އަމާޒަކީ ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، ހޮސްޕިޓަލުން ދެވޭ ޚިދުމަތްތަކަކީ ރައްޔިތުން ބަލައިގަންނަފަދަ ފުރިހަމަ ހަރުދަނާ ޚިދުމަތަކަށް ހެދުންކަމަށެވެ.