ވިޔަފާރި

އިމްޕޯޓް، އެކްސްޕޯޓް އަދި އާމްދަނީވެސް ޖޫންމަހު އިތުރު


ޖޫންމަހު އިމްޕޯޓާއި އެކްސްޕޯޓް އަދި އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އަމްދަނީވެސް އިތުރުވެފައިވާކަމަށް މޯލްޑިވްސް ކަސްޓަމް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖޫންމަހު ރާއްޖެއަށް 5.2 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފައެވެ. މިދިޔަ އަހަރުގެ ޖޫންމަހު ރާއްޖެއަށް އިމްޕޯޓްކޮށްފައިވަނީ 2.9 ބިލިއަން ރުފިޔާގެ މުދަލެވެ. އެހެންކަމުން މިއީ 2021 ވަނަ އަހަރާއި އަޅާބަލާއިރު %78 އިތުރު އަދަދެކެވެ.

ޖޫންމަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ، ޗައިނާ، ޔޫ.އޭ.އީ އަދި މެލޭޝިޔާއެވެ. އޮމާން އިން 1.1 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 636 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެއިތުރުން ޗައިނާ އިން 558 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. ޔޫ.އޭ.އީން 435 މިލިއަން ރުފިޔާގެ މުދާ އަދި މެލޭޝިޔާ އިން 428 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

މިދިޔަ އަހަރުގެ ޖޫންމަހު ރާއްޖެއިން 247 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 154 މިލިއަން ރުފިޔާގެ މުދަލެވެ. އެހެންކަމުން މިއީ %60 އިތުރުވުމެކެވެ. ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވާ ގައުމުތަކަށް ބަލާއިރު ތައިލޭންޑް، ޖަރުމަނުވިލާތް، އިނގިރޭސިވިލާތް، އިންޑިއާ އަދި ޕްރާންސް ހިމެނެއެވެ.

ފާއިތުވި ޖޫން މަހު އިމްޕޯޓް އެކްސްޕޯތުން ދައުލަތަށް ލިބުނު އާމްދަނީ 2021 ވަނަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 44 އިންސައްތަ ވަނީ އިތުރުވެފައެވެ. 2021 ވަނަ އަހަރުގެ ޖޫން މަހު 274 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ޖޫން މަހު މި ޢަދަދުވަނީ 394 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ޖޫންމަހު ޕްރޮސެސްކުރެވުނު ޑިކްލަރޭޝަންއަށް ބަލާއިރު މިއަހަރުގެ ޖޫންމަހު 19313 ޑިކްލަރޭޝަން އަދި 2021 ވަނަ އަހަރު 13809 ޑިކްލަރޭޝަން ޕްރޮސެސް ކުރެވިފައިވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.