ދުނިޔޭގެ ވިޔަފާރި

ދުނިޔޭގެ ބާޒާރުގައި އިލެކްޓްރޯނިކް ޗިޕް ލިބުން ފަސޭހަވެއްޖެ


ދުނިޔޭގެ ބާޒާރުގައި އިލެކްޓްރޯނިކް ޗިޕް ލިބުން ދަތިވެފައި އޮތުމަށްފަހު، ބާޒާރުން ޗިޕް ލިބުން ފަސޭހަވެއްޖެއެވެ.

ހަޔުންޑާއީ މޮޓޯ ކުންފުނި، ރޮބޯޓް އުފައްދާ ކުންފުނި އޭ.ބީ.ބީ އަދި ސްވިޑަންގެ ފްރިޖް އުފައްދާ ކުންފުނި އިލެކްޓްރޯލަކްސް އިންވެސް ވަނީ ބާޒާރުގައި ޗިޕް ލިބުން ފަސޭހެވެފައިވާކަމަށް ބުނެފައެވެ. ޗިޕް ލިބުން ފަސޭހަވެގެން ދިއުމުގެ ސަބަބުން ރޯ މެޓީރިއަލާއި ހަކަތައިގެ އަގު އުފުލުން ކޮންޓްރޯލްކުރެވި، އިންޓަރެސްޓް ރޭޓުވެސް ދަށްވެގެން ދާނެއެވެ.

ޗިޕް ލިބުން ފަސޭހަވެގެން ދިއުމުގެ ސަބަބުން އެތެރޭގެ ކާރުޚާނާތަކުގައި އޯވަޓައިމް ދޭން ފެށި ޝިފްޓް ޑިއުޓިތައްވެސް އަލުން ފެށިފައިވާކަމަށް ހަޔުންޑާއީން ބުނެއެވެ. އޮޓޯމޭޓިވް އިންޑަސްޓްރީއަށް ބޮޑެތި އުފެއްދުންތައް އުފައްދާ އޭބީބީން ބުނިގޮތުގައި އެ ކުންފުނިން ދެވަނަ ކުއާޓަރުގައި ހޯދާފައިވާ އާމްދަނީއަށް ބަލާއިރު ޗިޕް ލިބުން މިހާރު ފަސޭހަ ވެފައިވާ ކަމަށެވެ.

ޗިޕް ލިބުން ފަސޭހަވެގެން ދިއުމުގެ ސަބަބުން ސްވިޑަންގެ އިލެކްޓްރޯލަކްސް އާމްދަނީ ކުރިއަށްއޮތް 3 މަސް ދުވަހު އިތުރުވާނެކަމަށް އެ ކުންފުނިން ލަފާކޮށްފައެވެ. ޖުމްލަގޮތެއްގައި ޗިޕް އިންޑަސްޓްރީ ރަނގަޅުވަމުން އަންނަ ކަމަށާއި ނަމަވެސް ދެވަނަ ކުއާޓަރުގައި ދަތިތަކާއި ކުރިމަތިލާން ޖެހުނުކަމަށް ނޮކިއާ އިންވެސް ވަނީ ބުނެފައެވެ.

ޗިޕް އުފައްދާ މިންވަރު އިތުރުވެގެން ދިޔައިރު ކޮންސިއުމާ އިލެކްޓްރޯނިކް އާލާތްތަކަށް އޮތް ޑިމާންޑު ވަނީ ދަށްވެފައެވެ. ނަމަވެސް އިންޑަސްޓްރިއަލް އާލާތްތަކަށް އޮންނަ ޑިމާންޑު ދަނީ އިތުރުވަމުންނެވެ.