ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދަށުން ތާރުއެޅުމުގެ ކުރިން އަޅާ އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ވިދާޅުވީ އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ފަށާފައިވަނީ ހޮނިހިރުދުވަހުކަމަށެވެ.
ފުވައްލުމައް ސިޓީގެ އެތެރޭގެ މަގުތައް، ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށް ޢަމަލީ މަސައްކަތް ފެށީ 2020 ވަނަ އަހަރުގެ ފަހުކޮޅުއެވެ. މި މަޝްރޫޢުގައި ހިމެނެނީ ރަށުގެ 31 މަގު ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތެވެ. އެއީ 95،239 އަކަމީޓަރުގެ ސަރަޙައްދެވެ.
މި މަޝްރޫޢުގެ މަސައްކަތް މިހާރު ކުރިއަށްގޮސްފައިވާ ހިސާބާގުޅޭގޮތުން އެމް.ޓީ.ސީ.ސީން ވިދާޅުވީ، މުޅި މަޝްރޫޢުގެ 75 އިންސައްތަ މަސައްކަތް ފުރިހަމަކުރެވިފައިވާކަމަށެވެ. އަދި މިހާރު ތާރުއެޅުމަށް ތައްޔާރުވުމުގެ ގޮތުން މަގުތަކުގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ފަށާފައިވާކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
ފުވައްމުލަށް އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 75 އިންސައްތަ ވަނީ ފުރިހަމަކުރެވިފަ. މަގުތަކުގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް 23 ޖުލައި 2022 ވަނަ ދުވަހު
— MTCC Plc (@MTCCPlc) July 24, 2022
ވަނީ ފެށިފަ.#MTCCProjects #RayyithungeKunfuni pic.twitter.com/VAlRLuBKbp
މި މަޝްރޫޢުގެ ދަށުން، 122,659 އަކަމީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް އެޅުމާއި، 95،239 އަކަމީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި، 27،450 އަކަމީޓަރުގެ ފުޓްޕާތް ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، މަގުބައްތި ހަރުކުރުމާއި، 19،940 މީޓަރުގެ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 331.05 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ފުވައްމުލައް ސިޓީގެ މަގު ހެދުމުގައި އެންމެ ފުރަތަމަ ކުރިއަށްގެންދިޔައީ ރަށުގައި ވަށައިގެން އޮންނަ ވަށަމަގުގައި ތާރު އަޅައިގެން ތަރައްޤީކުރުމުގެ މަސައްކަތެވެ. 2016 ވަނަ އަހަރު ފެށި މަސައްކަތް ހުއްޓިފައިވަނިކޮށް، 2019 ވަނަ އަހަރު އެމް.ޓީސީ.ސީއާ ހަވާލުކޮށް މިހާރުވަނީ މަސައްކަތް މުޅިން ނިންމާލާފައެވެ.