ވިޔަފާރި

2ވަނަ ކުއާޓަރގައި ބީއެމްއެލްއަށް 592 މިލިއަން ރުފިޔާގެ ފައިދާ


މިއަހަރުގެ 2ވަނަ ކުއާޓާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ފައިދާގެ ގޮތުގައި 592 މިލިއަން ރުފިޔާ ލިބިފައިވާ އެ ކުންފުނިން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.

ބީއެމްއެލްއިން ވިދާޅުވީ، ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް މިއަހަރުގެ 2ވަނަ ކުއާޓަރގައި ރަނގަޅު ކުރިއެރުމެއް ލިބިފައިވާކަމަށެވެ. ދެވަނަ ކުއާޓަރގައި ހިންގުމުގެ ފައިދާގެ ގޮތުގައި ބޭންކަށް 592 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2021ވަނަ އަހަރުގެ ދެވަނަ ކުއާޓަރއާ އަޅާބަލާއިރު %19 އިތުރު އަދަދެކެވެ. ބީއެމްއެލްއިން ވިދާޅުވީ 2ވަނަ ކުއާޓަރގައި ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ޤާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފައިކަމަށެވެ.

މި ނަތީޖާއާ ގުޅޭގޮތުން ބޭންކުގެ އިންޗާރޖް އަދި އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީން ވިދާޅުވީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ލިބުނު ކުރިއެރުމާއެކު، ބޭންކުގެ ކުރިމަގާމެދު އުންމީދު ބޮޑުކަމަށެވެ. ބޭންކު މިއަދު މިވަނީ ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރެވޭނެފަދަ ރަނގަޅު ހާލަތެއްގައިކަން އޭނާ ފާހަގަކުރެއްވިއެވެ. ބޭންކުގެ ސްޓްރެޓެޖީގެ މުހިންމު ދެކަންކަމަށްވާ ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ޑިޖިޓަލް ބޭންކިންގ ޚިދުމަތްތައް ފުޅާކުރުމާއި ހިންގުން ހަރުދަނާ ކުރުމަށް ބޮޑު އަހަމިއްޔަތެއް ދޭކަމަށް ޢާއިޝަތު ނޫރައްދީން ވިދާޅުވިއެވެ.

މި ކުއާޓަރގައި ބޭންކުން ވަނީ ޑިޖިޓަލް ވޮލެޓް ބީއެމްއެލް ޕޭގެ ޚިދުމަތް ތައާރަފްކޮށްފައެވެ. މި ޚިދުމަތާއެކު، ކޮންޓެކްޓްލެސް ޕޭމަންޓްގެ ޚިދުމަތް އަދި ވޮލެޓް-ޓު-ވޮލެޓް ޓްރާންސްފަރ ގެ ޚިދުމަތް މޯބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ލިބޭނެއެވެ. ބޭންކުގެ ޑިޖިޓަލް ސްޓްރެޓެޖީ އިތުރަށް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން، ބޭންކުން މާސްޓަރކާޑު އަދި އެމްޓީސީސީ އާ ގުޅިގެން ރާއްޖޭގައި ޕަބްލިކް ޓްރާންސްޕޯޓް ނެޓްވޯކަށް ފުރަތަމަ ފަހަރަށް އޯޕަން ލޫޕް ޓްރާންސިޓް ކާޑުގެ ޚިދުމަތް ތައާރަފް ކުރަންވަނީ ނިންމާފައެވެ.

ބޭންކުގެ 40ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ހިންގުމަށް ރާވާފައިވާ ޙަރަކާތްތައްވެސް ވަނީ ހިންގާފައިވެއެވެ. އެގޮތުން، ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު އިތުރަށް ތަރައްގީކޮށް އެ މަރުކަޒަށް ބޭނުންވާ މުހިންމު ބަދަލުތައް ގެނެއުމަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. އަދި އޮންލައިންކޮށް ފަންޑްރެއިޒް ކުރެވޭ ޕްލެޓްފޯމް "ކައިންޑްލީ" އިފްތިތާހުކުރުމާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކޮންމެ އަހަރަކު 50،000 ގަސް އިންދުމުގެ މަގްސަދުގައި "ބީއެމްއެލް ފެހި ޕްރޮޖެކްޓް" ވަނީ އިފްތިތާހުކޮށްފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 81 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 139 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.