ޚަބަރު

އާޖެންޓީނާގެ އިޤްތިޞާދާއިބެހޭ ވަޒީރު އައިއެމްއެފްގެ އިސް ވެރިޔާއާއި ބައްދަލުކުރައްވަނީ


އާޖެންޓީނާގެ އިޤްތިޞާދާއިބެހޭ ވަޒީރު ސިލްވީނާ ބަޓާކިސް، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް، އައި.އެމް.އެފްގެ އިސް ވެރިޔާއާއި ބައްދަލުކުރައްވަން ނިންމަވައިފިއެވެ. މި ބައްދަލުވުން އޮންނާނީ ހޯމަ ދުވަހު އެމެރިކާގެ ވޮޝިންގްޓަންގައެވެ.

ބަޓާކިސް ބައްދަލުކުރައްވާނީ އައިއެމްއެފްގެ މެނޭޖިންގް ޑިރެކްޓަރ ކްރިސްޓަލީނާ ޖޯޖީވާއާއިއެވެ. މިއީ އާޖެންޓީނާގެ އިންފްލޭޝަން މަތިވަމުން ދިއުމާއިގުޅިގެން، އެކަމާގުޅޭގޮތުން މަޝްވަރާކޮށް އައި.އެމް.އެފްގެ ލަފާ ހޯދުމަށް ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުކުރެއްވުމުގެ ކުރިން މި ދެ ބޭފުޅުން ވަނީ ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވާފައެވެ.

ކްރިސްޓަލީނާގެ އިތުރުން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީ އެންޑް ދަ ވޯލްޑް ބޭންކް ތަމްސީލުކުރައްވާ ފަރާތްތަކާއިވެސް ބަޓާކިސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ބައްދަލުކުރެއްވުމަށް އާޖެންޓީނާގެ ރައީސް އަލްބާޓޯ ފެނާންޑެޒް ވެސް ވޮޝިންޓަނަށް ދަތުރުފުޅުކުރެއްވުމަށް މީގެކުރިން ވަނީ ހަމަޖެހިފައެވެ. ނަމަވެސް ބައިޑަން ކޯވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން މި ދަތުރުފުޅު ވަނީ ކެންސަލްކޮށްފައެވެ.

އާޖެންޓީނާގެ އާ އިޤްތިޞާދާއިބެހޭ ވަޒީރުކަމަށް ބަޓާކިސް އައްޔަނުކުރީ އެ ޤައުމުގެ ކުރީގެ އިޤްތިޞާދާއިބެހޭ ވަޒީރު މާޓިން ގުޒްމޭން އިސްތިއުފާ ދެއްވުމާއި ގުޅިގެން ދާދިފަހުންނެވެ.

47 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅޭ އާޖެންޓީނާއަކީ އައި.އެމް.އެފް އިން އެންމެ ގިނަ އަދަދަކަށް ލޯނުގެ އެހީ ދީފައިވާ އެއް ޤައުމެވެ. ލޯނު އެހީގެ ގޮތުގައި 44 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް އައި.އެމް.އެފްގެ ބޯޑުން ދާދިފަހުން ވަނީ ފާސްކޮށްފައެވެ. އާޖެންޓީނާގެ ފައިސާގެ އަގުވެސް މި ހަފްތާގައި ވަނީ ރެކޯޑު އަދަދަކަށް ވެއްޓިފައެވެ.