ޚަބަރު

ގޮވާން އެކްސްޕޯޓުކުރުމަށް ރަޝިއާއާއި ޔުކްރެއިން އެއްބަސްވެއްޖެ


ގޮވާން އެކްސްޕޯޓުކުރުމަށް އދ. މެދުވެރިކޮށް ރަޝިއާއާއި ޔޫކްރެއިނުން އެއްބަސްވެއްޖެއެވެ.

މިކަން އިޢުލާނުކޮށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވީ، ދުނިޔޭގެ ކާބޯތަކެތީގެ ދަތިކަން ދިމާވެފައިވާ މި ދަނޑިވަޅުގައި ގޮވާން އެކްސްޕޯޓުކުރެވޭގޮތް ވުމަކީ ލިބޭ ވަރަށްބޮޑު ފަސޭހައެކެވެ.

ދުނިޔޭގެ އެކި ޤައުމުތަކަށް ގިނައިން ގޮވާން އެކްސްޕޯޓުކުރާ ޤައުމުތަކުގެ ތެރޭގައި ރަޝިއާއާއި ޔޫކްރެއިން ހިމެނެއެވެ. ނަމަވެސް މިހާރު ކުރިއަށްދާ ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ކަޅުކަނޑު ހުރަސްކޮށް ޤައުމުތަކަށް ގޮވާން ބޭރުކުރުން ވެފައި އޮތީ ނުރައްކާތެރި ކަމަކަށެވެ.

ގޮވާން އެކްސްޕޯޓުކުރުމަށްޓަކާ ދެ ޤައުމުގެ މިނިސްޓަރުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ތުރުކީވިލާތުގެ އިސްތަންބޫލުގައެވެ. މި އެއްބަސްވުމުގެ ދަށުން ޔުކްރޭންގެ ބަނދަރުތައް ހުޅުވާލައި ކަޅުކަނޑު ހުރަސްކޮށް ގޮވާން ހިފައިގެން ބޯޓުތައް ދަތުރުކުރަން ފަށާނެއެވެ.

ރަޝިއާއި ޔޫކްރެއިނުން ގޮވާން އެކްސްޕޯޓުކުރުމަށް އެއްބަސްވެފައި މިވަނީ އެތައް ދުވަހެއްގެ މަޝްވަރާތަކަށްފަހުގައެވެ. މި އެއްބަސްވުމުގެ ސަބަބުން ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ފައިދާވާނެކަމަށް އދ. ސެކްރެޓަރީ ޖެނެރަލް އެންޓޯނިއާ ވިދާޅުވެއެވެ. އަދި މީގެ ސަބަބުން އަގު އުފުލެމުންދާ ކާބޯތަކެތީގެ އަގަށްވެސް ހެޔޮ ބަދަލެއް އަންނާނެކަމަށް އެންޓޯނިއާ ވިދާޅުވިއެވެ.

ދުނިޔޭގެ ކާނާއާއި ބެހޭ ޕްރޮގްރާމް ނުވަތަ ވޯލްޑް ފުޑް ޕްރޮގްރާމް، ޑަބްލިޔު.އެފް.ޕީ އިން ހާމަކޮށްފައިވާގޮތުގައި ރަޝިއާޔުކްރެއިން ހަނގުރާމައިގެ ސަބަބުން ގާތްގަޑަކަށް 47 މިލިއަން މީހުން މިހާރުވެސް ވަނީ ފަގީރުކަމަށް ހުށަހެޅިފައެވެ.