ޚަބަރު

ވިޔަފާރީގެ އެއްބަސްވުމަކަށް ސަޢުދީ ވަލީޢަހުދު ގްރީސްއަށް


ސަޢުދީ ޢަރަބިއާގެ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާން ގްރީސްގެ ބޮޑު ވަޒީރު ކިއުރިއާކަސް މިސޯޓާކިސް އާއި ބައްދަލުކުރެއްވުމަށް މި މަހުގެ 26 ވަނަ ދުވަހު ގްރީސްއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މި ދަތުރުފުޅަކީ ސަޢުދީގެ ނޫސްވެރިޔާ ޖަމާލް ހާޝުގީ މަރާލިފަހުން ޔޫރަޕްގެ ޤައުމަކަށް ސަޢުދީ ވަލީޢަހުދު ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ގްރީސްގެ ޚާރިޖީ ވުޒާރާއިން ބުނާގޮތުގައި މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ކުރާ ދަތުފުޅެކެވެ. ނަމަވެސް މީގެ އިތުރު ތަފްޞީލެއް ޚާރިޖީ ވުޒާރާއިން ނުދެއެވެ.

ގްރީސްގެ ޑިޕްލޮމެޓިކް ފަރާތަކުން ހާމަކުރިގޮތުގައި މި އެއްބަސްވުންތަކުގެ ތެރޭގައި ހަކަތާއާއި އަސްކަރީ އަދި ޑާޓާ ކޭބަލާއިބެހޭ އެއްބަސްވުމެއްވެސް ހިމެނެއެވެ.

ޔޫރަޕާއި އޭޝިއާ ގުޅުވައިދޭ ޑޭޓާ ކޭބަލް އެޅުމަށް ދެ ޤައުމުން އެކުގައި މަސައްކަތްކުރާ ޖޮއިންޓް ވެންޗާ އެއްބަސްވުމެއް ސަޢުދީއާއި ގްރީސްއިން މިދިޔަ މެއި މަހު ވަނީ ޤާއިމުކޮށްފައެވެ. "އީސްޓް ޓު މެޑް ޑާޓާ ކޮރިޑޯ" ގެ ނަންދީފައިވާ މި ކޭބަލްގެ މަސައްކަތް ކުރާނީ ސައޫދީގެ މެނާ ހަބްއާއި ގްރީކް ޓެލްކޮމްސް އެންޑް ސެޓެލައިޓް އެޕްލިކޭޝަންސް ކޮމްޕެނީ (ޓީޓީއެސްއޭ) އިންނެވެ.