ޚަބަރު

މިނީ ބަސްތައް އަތޮޅުތަކަށް ފޮނުވާ، މިމަހު ޚިދުމަތް ފެށުމަށް މަސައްކަތް ކުރަނީ


އަތޮޅުތަކުގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް ބޭނުންވާ ބަސްތައް ފޮނުވާ، މިމަހުގެ ތެރޭގައި ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ. އަތޮޅުތަކުން މި ޚިދުމަތް އެންމެ ފުރަތަމަ ފެށުމަށް ފެށުމަށް ހަމަޖެހިފައިވަނީ ލ. އަތޮޅާއި، ފުވައްމުލައް ސިޓީގެ އިތުރުން އައްޑޫ ސިޓީގައެވެ.

މިނީ ބަހުގެ ޚިދުމަތަކީ، އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން މުޅިން އަލަށް ފަށާ ޚިދުމަތެކެވެ. މީގެކުރިން ދެމުން އައި އާއްމު ބަހުގެ ޚިދުމަތް ދެމުން އައީ ސައިޒުން ބޮޑެތި ބަސްތަކެއްގައި ކަމަށް ވުމުން، ކުދި މަގުތައް ހުރި ރަށްރަށުގައި އެ ޚިދުމަތް އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދެވެމުން އައިސްފައެއް ނުވެއެވެ. މިނީ ބަހުގެ ޚިދުމަތުގެ އެންމެ ބޮޑު ބޭނުމަކީ ރަށްރަށުގެ އެތެރޭގެ މަގުތަކަށް ރޫޓްތައް ހަދާ، އާއްމުންނަށް ލުއިފަސޭހަ ދަތުރުފަތުރުގެ އަވަސް ޚިދުމަތެއް ދިނުމެވެ.

މިނީ ބަހުގެ ޚިދުމަތަށް ބޭނުންވާ ބަސްތައް ރާއްޖެ ގެނެސްފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އެއީ 36 ބަހެވެ. މީގެތެރޭގައި ހިމެނެނީ މާލޭގައި ބޭނުންކުރުމަށް ގެނައި 12 ބަހާ، އަތޮޅުތަކަށް ފޮނުވާ 24 މިނީ ބަހެވެ.

އަތޮޅުތަކުން މިނީ ބަހުގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގެ ހިތަދުއާއި ފޭދުއާ ދެމެދު، އައްޑޫ ސިޓީ ހުޅުމީދޫގައި، ފުވައްމުލައް ސިޓީގައި، ލ. އަތޮޅުން ގަމާ ފުނަދުއާ ދެމެދު އަދި ލ.އިސްދޫ ކަލައިދޫގައެވެ.

މިނީ ބަހުގެ ޚިދުމަތް ފަށާ ރަށްތައް:

  • އައްޑޫ (ފޭދޫ-ހިތަދޫ) - 8 މިނީ ބަސް / 4 ރޫޓް
  • އައްޑޫ (ހުޅުމީދޫ) - 4 މިނީ ބަސް / 4 ރޫޓް
  • ފުވައްމުލައް ސިޓީ - 5 މިނީ ބަސް / 3 ރޫޓް
  • ލާމު މެއިން ލޭންޑް ( ގަން-ފޮނަދޫ) - 5 މިނީ ބަސް / 4 ރޫޓް
  • ލާމު (އިސްދޫ-ކަލައިދޫ) - 2 މިނީ ބަސް / 1 ރޫޓް

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، މިނީ ބަސްތައް އަތޮޅުތަކަށް ފޮނުވުން ލަސްވެފައިވަނީ، މޫސުން ތަންނުދިނުމުގެ ސަބަބުންކަމަށެވެ. ނަމަވެސް މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަށް މި ބަސްތައް ރަށްތަކަށް ފޮނުވުމަށްކަަމަށެވެ.

އާޒިމް ވިދާޅުވީ، ޚިދުމަތް ފެށުމަށް ރަށްރަށުން ހަމަޖައްސަންޖެހޭ ކަންކަން މިހާރު ހަމަޖައްސާފައިވާކަމަށެވެ. އެގޮތުން ބަސް ދަތުރުކުރާނެ ރޫޓްތައް ކަނޑައެޅުމާއި، ބަސް ހުއްޓާނެ ތަންތަން ކަނޑައެޅުމާއި އަދި ޚިދުމަތް ދިނުމަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި ތަމްރީން ދިނުމުގެ މަސައްކަތްވެސް މިހާރު ނިމިފައިވާކަމަށެވެ. ކުންފުނިން މަސައްކަތް ކުރަނީ މި މަސް ނިމުމުގެ ކުރިން އަތޮޅުތަކަށް ބަސްތައް ފޮނުވާ، ޚިދުމަތް ފެށުމަށްކަމަށެވެ.

"ކުރިން މިހުރީ 40 މީހުންގެ ބޮޑެތި ބަސްތަކެއް. މި ކުދި ބަސްތަކުގެ އެންމެ ބޮޑު ފަސޭހައަކަށްވާނީ ރަށުގެ ކުދި މަގުތަކުގައިވެސް ދުއްވޭނެ. މިއާއެކު އާއްމު ޚިދުމަތްދޭ މުހިންމު ތަންތަން ހުރި ހިސާބުތަކަށްވެސް ރޫޓްތައް ހެދޭނެ." އާޒިމް ވިދާޅުވިއެވެ.

އަލަށް ގެނައި މިނީ ބަސްތަކަކީ 20 މީހުންގެ ޖާގައިގެ ބަސްތަކެކެވެ. އަދި މިއީ ޑީސެލް ބަސްތަކެކެވެ. މި ބަސްތައް ފަރުމާކޮށްފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށެވެ. އެގޮތުން ފުރޮޅުލީ ގޮނޑީގައި ފަސޭހައިން ބަހަށް އެރޭނެ ނިޒާމުވެސް ހުންނާނެކަމަށް އާޒިމް ވިދާޅުވިއެވެ.

މި ޚިދުމަކީ މުޅި ރާއްޖޭގެ ދަތުރުފަތުރު ގުޅާލުމަށް ސަރުކާރުން ފަށާފައިވާ "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގައި ހިމަނައިގެން އަތޮޅުތަކުގައި މުޅިން އަލަށް ފަށާ ޚިދުމަތެކެވެ. މިނީ ބަހުގެ ޚިދުމަތާއެކު އަގު ހެޔޮކޮށް، ހިތްފަސޭހަ އަވަސް ދަތުރުތަކެއް ކުރުމުެގ ފުރުޞަތު ރައްޔިތުންނަށް ލިބިގެންދާނެއެވެ. އެމްޓީސީސީން ވިދާޅުވީ މި ޚިދުމަތަށް ބޭނުންވާ އިތުރު 5 މިނީ ބަސް މި މަސް ނިމުމުގެ ކުރިން ރާއްޖެގެންނާނެކަމަށެވެ.