ކުޅިވަރު

ރިސޯޓް ލީގު: ކޮންރެޑުން ދެވަނަ މެޗުވެސް ކާމިޔާބުކުރިއިރު، ޑަބްލިއު މޯލްޑިވްސްއަށް ފުރަތަމަ މޮޅު


ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ރިސޯޓް ލީގު 2022" ގެ ސައުތު އަރި ޒޯނުގައި ކޮންރެޑް މޯލްޑިވްސްއިން ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކުރިއިރު، ޑަބްލިއު މޯލްޑިވްސްއިން ފުރަތަމަ މޮޅު ހޯދައިފިއެވެ.

މި ފަހަރުގެ ސައުތު އަރި ޒޯނުގެ ކުޅުން ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑުގައެވެ. މި މުބާރާތުގެ ފުރަތަމަ މެޗުގައިވެސް ބައްދަލުކުރީ ކޮންރެޑާއި ޑަބްލިއު މޯލްޑިވްސްއެވެ. އެ މެޗު ކޮންރެޑުން ކާމިޔާބުކުރީ 3-0 އިންނެވެ.

މުބާރާތުގައި ކޮންރެޑުން ކުޅުނު ދެވަނަ މެޗު ކާމިޔާބުކުރީ ހުކުރު ދުވަހުގެ ހަވީރު ވިލަމެންދޫ އައިލެންޑް ރިސޯޓާ ވާދަކޮށް 4-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ކޮންރެޑުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަބްދުﷲ އަޒީމާއި، ފާއިގު އަޙްމަދުގެ އިތުރުން ހުސެއިން ޝިފާހު އަދި ހުސެއިން ޝައްފާހެވެ.

މީގެ އިތުރުން މި މުބާރާތުގައި ޑަބްލިއު މޯލްޑިވްސްއިން ކުޅުނު ފުރަތަމަ މެޗުން މޮޅުވީ ލިލީ ބީޗް ރިސޯޓާ ވާދަކޮށް 4-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޑަބްލިއު މޯލްޑިވްސްގެ ލަނޑުތައް ޖަހައިދިނީ އަލީ ޝާނިފް އާއި އަޒްވަރު ތައުފީގެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއިރު، ލިލީ ބީޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު އައިހަމެވެ.

ރިސޯޓު ލީގުގެ ތާރީޚުގައިވެސް އެންމެ ކާމިޔާބު ޓީމަކީ ކޮންރެޑް މޯލްޑިވްސް އެވެ. އެގޮތުން އެ ޓީމުން ވަނީ ހަތަރު ފަހަރު މި ޒޯނުގެ ތަށި އުފުލާލާފައެވެ. އެއީ 2015، 2016، 2017 އަދި އެންމެ ފަހުން މި މުބާރާތް ބޭއްވި 2019 ވަނަ އަހަރެވެ. އެންމެ ފުރަތަމަ ދެ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ސަން އައިލެންޑް ރިސޯޓެވެ. އެއީ 2013 އަދި 2014 ގައެވެ. އަދި 2018 ގައި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވިލަމެންދޫއެވެ.

ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު މި މުބާރާތް ކޮންރެޑްގައި ކުރިޔަށްދަނީ ހަތަރު ޓީމަކާއެކު އެވެ. މި ޒޯނުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 28 ވަނަ ދުވަހުގައެވެ.