ޚަބަރު

ބްރެޒިލްގެ ފުލުހުންގެ ރޭޑެއްގައި 18 މީހުން މަރުވެއްޖެ


ރާވައިގެން ހިންގާ ކުށްތަކާއި ގޭންގުތަކާ ދެކޮޅަށް ބްރެޒިލްގެ ސަރުކާރުން ހިންގަމުންދާ ޚާއްޞަ އޮޕަރޭޝަނެއްގެ ދަށުން ހިންގި ރޭޑެއްގައި 18 މީހުން މަރުވެއްޖެއެވެ. ރިއޯ ޑި ޖެނެއިރޯގެ އަޔެމާއޯ ކޮމްޕްލެކްސްގައި ހަތިޔާރު އެޅި ފުލުހުން ހިންގި މި އޮޕަރޭޝަނުގައި މަރުވި މީހުންގެ ތެރެއިން 16 މީހުންނަކީ ގޭންގުތަކަށް ނިސްބަތްވާ މީހުންނެވެ.

މި ރޭޑުގައި ފުލުހުންގެ އެކަކާއި ޢާންމުންގެ މީހަކު ވެސް މަރުވިއެވެ. މި ރޭޑުގައި 400 އޮފިސަރުން ބައިވެރިވިއެވެ. އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ގޭންގަކީ ވައްކަން ކުރުމާއި ބޭންކު ފެޅުން ފަދަ ކުށްތައް ރާވައި ހިންގާ ގޭންގެއް ކަމުގައި ބްރެޒިލްގެ ފުލުހުން ބުނެއެވެ.

މި ހާދިސާގައި ގޭންގުތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބަޔަކު މަރުވުމުން، އިންސާނީ ހައްޤުތައް ހިމާޔަތް ކުރަން މަސައްކަތް ކުރާ ފަރާތްތަކުގެ ނުރުހުން ވަނީ އަމާޒުވެފައެވެ. މިއީ ފަހަކަށް އައިސް ރިއޯ ޑި ޖެނެއިރޯގައި ހިންގި މި ފަދަ އެންމެ ނުރައްކާތެރި އެއް ރޭޑު ކަމަށާއި، އެ ސަރަޙައްދުގެ ރައްޔިތުންގެ އިންސާނީ ހައްޤުތަކަށް ފުލުހުން އަރައިގަނެފައިވާ ކަމަށް ބެލެވޭ ކަމުގައި އެ ޤައުމުގެ ދައުލަތުގެ ދިފާޢީ ވަކީލުންގެ އިދާރާއިން ބުނެއެވެ.

މި ރޭޑުގައި ޒަޚަމްވި މީހުންނަށް ފަރުވާ ދިނުމަށް ފުލުހުން ދެކޮޅު ހަދާފައިވާ ކަމުގައި އެ ޤައުމުގައި ހަރަކާތްތެރިވާ އިންސާނީ ހައްޤުތައް ހިމާޔަތް ކުރަން މަސައްކަތް ކުރާ ޖަމުޢިއްޔާއެއް ކަމުގައިވާ އެނެކްރިމް ހިޔުމަން ރައިޓްސް ކޮމިޝަނުން ބުނެއެވެ. އަދި، ޒަޚަމްވި މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔުމަށް ވެސް ފުލުހުން ދެކޮޅު ހަދާފައިވާ ކަމަށް އެ ޖަމުޢިއްޔާއިން ބުނެއެވެ.

ބްރެޒިލްގެ ރައީސް ޖެއިރް ބޮލްސޮނާރޯއަކީ ކުށްކުރާ ގޭންގުތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމާއި ބާރުގެ ބޭނުން ކުރަން ވަކާލާތު ކުރައްވާ ރައީސެކެވެ. އޭނާ ގޭންގުތަކުގެ މެންބަރުން ސިފަ ކުރައްވަނީ ކުރަފިތަކެއްގެ ގޮތުގައެވެ. އަދި އެ މީހުން މެރުމަށް އޭނާ ތާޢީދު ކުރައްވައެވެ.