އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާއަށް މިހާރު ކުރަމުންދާ ޓުއާގައި ކުޅުނު ފުރަތަމަ މެޗުގައި ކުލަބު އެމެރިކާ ބަލިކޮށްފިއެވެ.
މިމެޗް ސިޓީން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއެވެ. މިމެޗްގައި ސިޓީ އާއި އަލަށް ގުޅުނު ތިން ކުޅުންތެރިއެއް ކަމަށްވާ ޖޫލިއަން އަލްވަރޭޒް، ސްޓެފަން އޯޓެގާ އަދި ކެވިން ފިލިޕްސް ވަނީ ސިޓީގެ ޖާޒީގައި ފުރަތަމަ ފަރަހަށް ފެނިގެން ގޮސްފައެވެ. ނަމަވެސް މިމެޗްގައި މިސީޒަނަށް އެޓީމަށް ގެނައި އެންމެ މުހިންމު ކުޅުންތެރިޔާކަމަށްވާ އާލިން ހާލަންޑް މިމެޗްގައި ބެންޗުގައި އިން ނަމަވެސް އޭނާ ކުޅެފައެއް ނުވެއެވެ.
މިމެޗްގެ ފުރަތަަމަ ލަނޑު މެޗްގެ 29 ވަނަ މިނެޓްގައި ޖަހާދިނީ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ކެވިން ޑި ބްރުއިނާއެވެ. ނަމަވެސް މެޗްގެ 42 ވަނަ މިނެޓްގައި އެމެރިކާއިން ވަނީ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ހެންރީ މާޓިންއެވެ. ނަމަވެސް ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޑި ބްރުއިނާ ވަނީ މިމެޗުން ސިޓީ މޮޅުކޮށްދިން ލަނޑު ޖަހާދީފައެވެ.
ކުރިއަށް އޮތް ސީޒަނަށް ސިޓީއިން ޓީމް ވަރުގަދަ ކުރުމުގެ ގޮތުން ބައެއް މުހިންމު ކުޅުންތެރިން ގެންގޮސްފައިވާއިރު އެޓީމްގައި ކުރިން ތިބި ބައެއް މުހިންމު ކުޅުންތެރިންވަނީ އެޓީމް ދޫކޮށް އެހެން ޓީމްތަކާ ގުޅިފައެވެ. މިގޮތުން އެންމެ ފާހަގަ ވެގެން ގޮސްފައިވަނީ ޗެލްސީއަށް ބަދަލުވި ރަހީމް ސްޓަރލިންގ އާއި އާސެނަލްއަށް ބަދަލުވި ގެބްރިއަލް ޖޭސުސްއެވެ.