ކުޅިވަރު

އޮސްޓްރިއާ ބަލިކޮށް ޖަރުމަން ސެމީއަށް


ޔުއެފާ ވިމެންސް ޔޫރޯ 2022 ގެ ކުއާޓާ ފައިނަލުގައި އޮސްޓްރިއާ ބަލިކޮށް ސެމީ ފައިނަލުން ޖަރުމަން ޖާގައެއް ހޯދައިފިއެވެ.

މިމުބާރާތުގެ ސެމީން ޖަރުމަން ޖާގަ ހޯދީ ރޭ ކުޅުނު ކުއާޓާގެ މެޗުގައި އޮސްޓްރިއާ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޖަރުމަނު ޓީމުންނެވެ. ނަމަވެސް މިމެޗަކީ ޖަރުމަނަށް މާ ފަސޭހަ މެޗަކަށް ނުވިއެވެ. އެގޮތުން މިމެޗް ވެގެންދިޔައީ މިފަހަރުގެ މުބާރާތުގައި މިހާތަނަށް ޖަރުމަނަށް ކުރިމަތިލާން ޖެހުނު އެންމެ އުނދަގޫ މެޗަށެވެ.

މިމެޗްގައި ޖަރުމަނުން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 25 ވަނަ މިނެޓްގައި ޖަހާދިނީ ލީނާ މަގުލްއެވެ. އެކަމަކު މިލަނޑަށް ފަހު އިތުރު ލަނޑެއް ކާމިޔާބު ކުރުމަށް ޖަރުމަނުން ކުރިމަސައްކަތް ދިޔައީ ބޭކާރު ވަމުންނެވެ. އެގޮތުން ގޯލް ހުސްކޮށް އޮއްވާ ކްލާރާ ބާލް އަށް ލިބުނު ފުރުސަތުގައި އޭނާ ޖެހި ބޯޅަ ދިޔައީ ބޭރަށެވެ. މީގެއިތުރުންވެސް ގިނަ ފުރުސަތު ތަކެއް ލިބި ދިޔައީ ބޭކާރު ވަމުންނެވެ.

ޖަރުމަނުވިލާތެކޭ އެއްގޮތަށް މިމެޗްގައި އޮސްޓްރިއާއަށް ލިބުނު ގިނަ ފުރުސަތު ތަކުގެ ބޭނުންވެސް ހިފޭގޮތެއް ނުވިއެވެ. އެގޮތުން އެޓީމުން ޖަރުމަނު ގޯލަށް ފޮނުވާލި ތިން ހަމަލާވެސް އަމާޒުވީ ގޯލް ދަނޑިއަށެވެ. މިމެޗްގައި ޖަރުމަނުން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ އެލެގްޒެންޑާ ޕޮޕްއެވެ. މިއީ މިފަހަރުގެ މުބާރާތުގައި އޭނާ ކާމިޔާބުކުރި ހަތަރުވަނަ ގޯލެވެ. އަދި މިލަނޑާއެކު އޭނާ ވަނީ ޖެހިޖެހިގެން ހަތަރު މެޗްގައި ލަނޑު ޖަހާ ހެއިދީ މޯގެ ރިކޯޑާ ހަމަހަމަ ކޮށްފައެވެ. މީގެކުރިން ޔޫރޯގެ ހަތަރު މެޗެއްގައި ޖެހިޖެހިގެން ލަނޑު ކާމިޔާބު ކުރެވިފައިވަނީ 1989 އާއި 1993 ވަނަ އަހަރާއި ދެމެދުއެވެ. އަދި މިލަނޑާއެކު ޕޮޕް މިވަނީ ރަންބޫޓަށް ވާދަކުރަމުންދާ ލިސްޓްގެ އެންމެ ކުރީގައި އުޅޭ އިންގްލަންޑްގެ ބެތު މީޑް އާއި އެންމެ ލަނޑަކަށް ގާތްކޮށްފައެވެ.

މިކާމިޔާބީއާއެކު ޖަރުމަނިވިލާތް ސެމީފައިނަލަށް ދަތުރު ކޮށްފައިވާއިރު، އެމެޗްގައި ބައްދަލުކުރާނީ ފަރަންސޭސިވިލާތާއި އެންމެފަހުގެ ޗެމްޕިއަން ނެދަލަންޑްސް ބައްދަލުކުރާ ކްއާޓާ ފައިނަލް މެޗުން މޮޅުވާ ޓީމަކާއެވެ.