ޚަބަރު

އިންޑިއާގެ އައު ރައީސަށް، ރައީސް ޞާލިޙް މަރުޙަބާ ވިދާޅުވެއްޖެ


އިންޑިއާގެ 15 ވަނަ ރައީސް ކަމަށް ދްރޫޕަދީ މުރްމޫ އިންތިޚާބުވެވަޑައިގެންނެވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އެކަމަނާއަށް މަރުޚަބާ ވިދާޅުވެއްޖެއެވެ.

އެކަމަނާއަށް މަރުޙަބާ ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ކުރެއްވި ޓުވީޓްގައި ވިދާޅުވީ، ދްރޫޕަދީގެ ޤާބިލުކަމާއި ތަޖުރިބާގެ ބޭނުން ކުރައްވައިގެން އިންޑިއާ އިތުރު ހަރުފަތަކަށް ގެންދަވާނެ ކަމާމެދު އެމަނިކުފާނު ޝައްކު ނުކުރައްވާކަމަށެވެ. އަދި އެކަމަނާގެ ލީޑާޝިޕްގައިވެސް އިންޑިއާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް އުއްމީދު ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.


އިންޑިއާގެ ރައީސް ކަމަށް ދްރޫޕަދީ މުރްމޫ އިންތިހާބު ކޮށްފައިވަނީ އިއްޔެ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހާއި އިންޑިއާގެ ސްޓޭޓްތަކުގެ ލެޖިސްލޭޓިވް އެސެމްބްލީތަކުގައި ނެގި ވޯޓުންނެވެ. މި އިންތިޚާބު އޭނާ ކާމިޔާބުކުރެއްވީ ޔަޝްވަންތް ސިންހަ އާ ވާދަކުރައްވާ 64.03 އިންސަތައް ވޯޓުންނެވެ.

ދްރޫޕަދީ އަކީ އިންޑިއާގެ ރައީސް ކަން ކުރައްވާ ދެވަނަ އަންހެން ބޭފުޅާއެވެ. އޭނާ މަޤާމުގެ ހުވާ ކުރައްވާނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. ކުރިން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ދްރޫޕާދީ ސިޔާސީ މަސައްކަތް ފެށީ 1997 ވަނަ އަހަރުއެވެ. އޭނާ އަކީ ވެރިކަންކުރާ ބީޖޭޕީގެ ދުވަސްވީ މެންބަރެކެވެ.