ޚަބަރު

މުސްލިމެއްގެ ހަޔާތުގައި ނުބައި ބަސްތަކަށް އެއްވެސް ޖާގައެއް ލިބިގެން ނުވޭ : ޚުޠުބާ


މުސްލިމެއްގެ ހަޔާތުގައި ނުބައި ބަސްތަކަށް އެއްވެސް ޖާގައެއް ލިބިގެން ނުވާކަމަށާއި، މުޅި ހަޔާތް ހެޔޮކަންތައް ކުރުމާ ހެޔޮ ބަސްތައް ބުނުމުގެ މައްޗަށް ބިނާކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ދިން ހުކުރު ޚުޠުބާ ޙާއްސަކޮށްފައިވާ ހެޔޮ ބަސް ބުނުމަށެވެ.

ހެޔޮބަސް ބުނުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ ޚުޠުބާގައި ވިދާޅުވީ، ހެޔޮ ބަހުގެ ސަބަބުން ސަފުތައް ސީދާވެ، މީސްތަކުން އެއްގަލަކަށް އަރާފައިވާކަމަށެވެ. ހެޔޮބަހެއް ބުނުމަކީ ބޮޑު ހޭދައަށް ކުރަން ޖެހޭ ކަމެއް ނޫންކަން ފާހަގަކުރައްވާ ޚުތުބާގައި ވިދާޅުވީ، ހެޔޮ ބަހެއް ބުނާ މީހާއަށާއި، އަޑު އަހާމީހާއަށް މަންފާއާ ލާބަ ލިބޭނެކަމެއްކަމަށެވެ.

ހެޔޮ ބަހަކީ މާތް ﷲ ހަނދުމަކުރުމާއި، ތަހްލީލާއި، ތަޙްމީދާއި، ތަސްބީޙަ ކިޔުންކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ. ޚުތުބާގައި ވިދާޅުވީ، މުޢުމިނު ނަފްސެއްގެ ވެރިއަކަށް ވެވޭނީ މާތް ﷲ ގެ ޚަލްޤުތަކުންނާއެކު ރިވެތި ގޮތުގައި މުޢާމަލާތް ކުރާ މީހަކަށްކަމަށެވެ. އެގޮތުން އަޅުގަނޑުމެންގެ ދަރިން މިފަދަ ނަފްސުތަކެއްގެ ވެރިބަޔަކަށް ހެދޭނީ ޢާއިލީ ރަނގަޅު ތަރުބިއްޔަތާއި، ރިވެތި ނަމޫނާއާއި މަދަރުސީ ރަނގަޅު ތަރުބިއްޔަތާއި، ޞާލިހު ރަނގަޅު ވެށްޓެއް ހޯދައިދެވިގެންކަމަށެވެ.

"މާތް ﷲ ރަނގަޅު ބަހެއްގެ މިސާލު ޖެއްސެވީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ އެއީ، އެ ގަހެއްގެ މޫތައް (ބިމުގައި) ހަރުލާފައި ހުންނަ، އަދި އެ ގަހެއްގެ ގޮފިތައް (ބިޔަކޮށް ހެދި) މައްޗަށް އުފުލިފައިވާ ގަހެއްގެ މިސާލެވެ. އެ ގަހުގެ ވެރިރަސްކަލާނގެ އިޒުނަފުޅާ އެކު، ހުރިހާ ހިނދެއްގައި އެ ގަހުގެ މޭވާ ލިބިދެއެވެ. ﷲ މީސްތަކުންނަށް މިސާލު ޖައްސަވަނީ އެއުރެން ހަނދުމަކުރުމަށްޓަކައެވެ. އަދި ނުބައި ބަހެއްގެ މިސާލަކީ ބިންމަރިން އުފުރާލި (އަދި) އެ ގަހަކަށް އެއްވެސް ސާބިތުކަމެއް ނުވާ ނުބައި ގަހެއްގެ މިސާލެވެ" މާތް ﷲ ވަޙީ ކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.

ޚުތުބާގައި ވިދާޅުވީ، ނުބައި ބަސްތަކުގައި ހަރުދަނާކަމެއް ނުހުންނާނެކަމަށެވެ. އޭގެ ސަބަބުން މީސްތަކުންގެ މެދުގައި ފިތުނަ ފަސާދަ އުފެދޭނެކަމަށާއި، އެފަދަ ބަސްތަކުގެ ސަބަބުން މީޙުންނަށް މަގު އޮޅޭނެކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ. ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަތައް މީސްތަކުންގެ މެދުގައި ފަތުރައި ފިތުނަފަސާދަ އުފައްދަން މަސައްކަތް ކުރުމަކީ މާތް ﷲ ނަހީކުރައްވާފައިވާކަމެއްކަން ޚުތުބާގައި ހަނދުމަކޮށްދިނެވެ.

"ތިޔަބައިމީހުން ކަދުރެއްގެ ފަޅިވަރަކުން ވިޔަށް ނަރަކައިން ރައްކާތެރިވާށެވެ! ފަހެ އެކަމަށް ކުޅަދާނަ ނުވާމީހާ ހެޔޮބަހަކުން ވިޔަސް މެއެވެ." ކީރިތި ރަސޫލާ މުޙައްމަދު ޞައްލައްﷲ އަލައިހިވަޞައްލަމަ ޙަދީޡް ކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.

ޚުތުބާގައި ވަނީ މައިންބަފައިންނާ މުޚާތަބުކުރާއިރު ބަސްމަގު ރިވެތިވާން ޖެހޭނެކަން ފާހަގަކުރައްވާފައެވެ. އަދި ދެމަފިރިންވެސް އެކަކު އަނެކަކާ މުޢާމާލާތް ކުރަން ޖެހޭނީ ރިވެތި ބަހުންކަމަށާއި، މިނޫނަސް އެހެނިހެން ފަރާތްތަކާ މުޢާމަލާތް ކުރާއިރު ރިވެތި ބަހުން މުޢާމަލާތް ކުރުމަށް ހުތުބާގައި ނަޞޭހަތްތެރިވިއެވެ.