ވިޔަފާރި

މިދިޔަ އަހަރު އެމްޓީސީސީއަަށް 153 މިލިއަން ރުފިޔާގެ ފައިދާއެއް


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީސީއަށް ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު 153 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.މިދިޔަ އަހަރުގެ ފަހު ތިންމަސް ދުވަހުގެ ވިޔަފާރިއާއެކު މިދިޔަ އަހަރު އެމް.ޓީ.ސީ.ސީއަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ، 1.03 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިދިޔަ އަހަރުގެ ފަހު 3 މަސް ދުވަހު އެމް.ޓީ.ސީސީއަށް ހިންގުމުގެ ފައިދާގެ ގޮތުގައި 49 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެކުންފުނިން ހާމަކުރެއެވެ.އެކުންފުނިން ޢާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ތިންވަނަ ތިން މަހާ އަޅާބަލާއިރު، ފަހު ތިންމަސް ދުވަހު ލިބުނު އާމްދަނީ ވަނީ، 15.3 އިންސައްތަ އިތުރުވެފައެވެ. އަދި މިމުއްދަތުގައި ހިންގުމުގެ ފައިދާ 27.3 އިންސައްތައަށް އިތުރުވެ، ސާފު ފައިދާގެ ގޮތުގައި 36.8 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެމް.ޓީ.ސީ.ސީއިން ހާމަކުރެއެވެ.މިފައިދާއާއެކު މިމުއްދަތުގައި ޙިއްޞާއަކަށް ޖެހޭ އާމްދަނީގެ އަދަދު ވަނީ، 147.5 ރުފިޔާއަށް އަރާފައެވެ. ކުންފުނީގެ ޙިއްޞާއަކަށް ޖެހޭ ފައިދާގެ ނިސްބަތުން ޙިއްޞާދާރުންނަށް ބަހާނެ ޢަދަދު ކަނޑައަޅަނީ އެކުންފުޏެއްގެ އަހަރީ ޢާންމު ޖަލްސާއިންނެވެ.