ޚަބަރު

އެމްއެންޔޫ އޯގަސްޓް އިންޓޭކުގެ ކޯސްތަކަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމް.އެން.ޔޫގެ 2022 ވަނަ އަހަރުގެ އޯގަސްޓް އިންޓޭކަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އޯގަސްޓް އިންޓޭކަށް ފޯމު ހުށަހެޅުމަށް އެމް.އެން.ޔޫއިން ކުރިން ހުޅުވާލާފައިވަނީ މިމަހުގެ 21 ގެ ނިޔަލަށެވެ. އެހެން ނަމަވެސް މިހާރު މި މުއްދަތު މިމަހުގެ 31ގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ.

އެމް.އެން.ޔޫއިން ވިދާޅުވީ، އޯގަސްޓް އިންޓޭކުގެ ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 31 ވާ އާދިއްތަ ދުވަހުގެ މެންދުރު 14:00 ކަމަށެވެ. މި ކޯސްތަކާބެހޭ މަޢުލޫމާތު https://courses.mnu.edu.mv/ އިން ލިބެން ހުންނާނެކަމަށް އެ ޔުނިވަރސިޓީން ވިދާޅުވެއެވެ.

އޯގަސްޓް އިންޓޭކަށް މާލެއާއި އެމް.އެން.ޔޫގެ އަތޮޅުތަކުގެ ކެމްޕަސްތަކުން ތަފާތު އެކި ދާއިރާތަކުން 100 އަށްވުރެ ގިނަ ކޯހަށް ކިޔެވުމުގެ ފުރުޞަތު އެމް.އެން.ޔޫއިން ވަނީ ހުޅުވާލާފައެވެ. މީގެ ތެރޭގައި ފައުންޑޭޝަނުން ފެށިގެން މާސްޓަރސް ލެވެލްގެ ކޯސްތައްވެސް ހިމެނެއެވެ.

ޤައުމީ ޔުނިވަރސިޓީގެ އޯގަސްޓް އިންޓޭކުގެ ކޯސްތަކަށް އެޕްލައި ކުރުމަށް ހަމަޖެހިފައިވަނީ ޔުނިވަރސިޓީގެ އޮންލައިން ޕޯޓަލް https://portal.mnu.edu.mv/ މެދުވެރިކޮށެވެ. މިއަހަރު އޯލެވެލް ހަދާ ދަރިވަރުންނަށްވެސް ފައިނަލް ނަތީޖާ ނުލިބުނަސް ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުން ކޮންޑިޝަނަލް އޮފަރއާއެކު ޖާގަ ކަށަވަރުވާނެކަމަށް އެމް.އެން.ޔޫއިން ވިދާޅުވެއެވެ.