ވިޔަފާރި

ކަނޑައިގެން ގޮސްފައިވާ 5 ކަނދުފައްޗެއް އެޅުމުގެ މަސައްކަތް ފަށައިފި


ރާއްޖޭގައި ކުރާ ދޮށީގެ މަސްވެރިކަމަށާއި ވަދު މަސްވެރިކަމަށް އަމާޒްކޮށް ޤާއިމްކޮށްފައިވާ ކަނދުފަތީގެ ވިޔުގައިން އެކި ސަބަބުތަކާއިހުރެ ގިނަ ކަނދުފަތިތަކެއް ވަނީ ކަނޑައިގެންގޮސްފައެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ބުނީ ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތައް ޤާއިމްކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ފަށައިގެން ކުރިއަށްގެންދާކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، އެކި ކައުންސިލް އިދާރާތަކުން މަޢުލޫމާތު ދީފައިވާ ގޮތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 8 ކަނދުފަތި ވަނީ ކެނޑިފައެވެ. އެއީ ހއ. ފިއްލަދޫ، ށ. ކޮމަންޑޫ، ޅ. ފާދޫ، ކ. ކާށިދޫ، ކ. މާފުށި، އއ. އުކުޅަސް، ތ. ހިރިލަންދޫ ހިމެނޭ ސަރަހައްދުތަކުގައި އަޅާފައިވާ ކަނދުފަތިތަކެވެ.

މި ކަނދުފަތިތަކުގެ ތެރެއިން 5 ކަނދުފައްޗެއް އެޅުމުގެ މަސައްކަތް ކުރުމަށް އެ މިނިސްޓްރީގެ ކަނދުފަތި ޓީމުން މިހާރު ދަތުރު ފަށާފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. މި ދަތުރުގައި އެޅުމަށް ހަމަޖެހިފައިވާ ކަނދުފަތިތަކުގެ ތެރޭގައި ހިމެނެނީ ހއ. ފިއްލަދޫ، ށ. ކޮމަންޑޫ، ޅ. ފާދޫ، ކ. މާފުށި އަދި އއ. އުކުޅަހުގެ ކަނދުފައްޗެވެ. ބާކީ ހުރި ކަނދުފަތިތައް އެޅުމަށް މިނިސްޓްރީގެ ޓެކްނިކަލް ޓީމުން ތައްޔާރުވަމުންދާކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި މަސްވެރިންނަށް ޤާއިމުކޮށްދީފައިވާ ކަނދުފަތީގެ ވިޔުގާގައި ހިމެނޭ ބައެއް ކަނދުފަތި ކަނޑައިގެން ދާ އެއް ސަބަބަކީ އުޅަނދުފަހަރު އެ ކަނދުފަތީގައި ވާ އައްސައި ބަނދެގެން ތިބުންކަން ފާހަގަވެފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. މިފަދަ ކަންކަން ނުކުރުމަށް އެ މިނިސްޓްރީން ވަނީ މަސްވެރިންނަށް އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ކަންކަން ކުރާ ފަރާތްތައް އިނގޭނަމަ އެ ފަރާތްތަކުގެ ފުރިހަމަ މަޢުލޫމާތު އެ މިނިސްޓްރީއަށް އެންގުމަށްވެސް މިނިސްޓްރީން ވަނީ އެދިފައެވެ.