ޚަބަރު

ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސްގެ ޕާޓްނަރުންނާއިއެކު ސޮއިކޮށްފި


ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް، ސާޓާގެ ޕާޓްނަރުންނާއިއެކު ސޮއިކޮށްފިއެވެ. ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މާގިރި ހޮޓެލްގައެވެ.

ސާޓާ އެވޯޑަކީ ދެކުނު އޭޝިޔާ ސަރަޙައްދުގައި ފަތުރުވެރިކަމުގެ ދާއިރާގެ ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. ސާޓާގެ މިއަހަރުގެ ޕްލެޓިނަމް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ އަލް ޝާލީ މެރިން މޯލްޑިވްސްއެވެ. އަލްޝާލީ މެރިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ އިސްމާއިލް ޝަރީފްއެވެ. އަދި ސާޓާ އިވެންޓް އިންތިޒާމްކުރާ ހައިރައިޒްގެ ފަރާތުން ސޮއިކުރެއްވީ ރައީސް އިސްމާއިލް ހަމީދުއެވެ.

ގޯލްޑް ޕާޓްނަރުންގެ ގޮތުގައި ސޮއިކޮށްފައިވަނީ ދަ ހޮކްސް ޕްރައިވެޓް ލިމިޓެޑްއާއި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓެވެ.

އިތުރު ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވާ ފަރާތްތައް:
ޑެސްޓިނޭޝަން ޕާޓްނަރ: މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީ
އޮފިޝިއަލް ހޯސްޓް: އަދާރަން ރިސޯޓް
ޑިޖިޓަލް ޕާޓްނަރ: އުރީދޫ މޯލްޑިވްސް
އިންޝުއަރެންސް ޕާޓްނަރ: އެލައިޑް އިންޝުއަރެންސް
ބެވަރޭޖް ޕާޓްނަރ: ކޮކާކޯލާ
ހޮސްޕިޓަލިޓީ ޕާޓްނަރ: މާގިރި ހޮޓެލް
ސަޕޯޓިންގ ޕާޓްނަރ: ބިޒްނަސް ސެންޓަރ ކޯޕަރޭޝަން – ޕްރިންޓް ލެބްއެވެ. މީގެއިތުރުން މީޑިއާ ޕާޓްނަރުންނާއިއެކުވެސް ވަނީ ސޮއިކޮށްފައެވެ.

ސައުތު އޭޝިއަން ޓްރެވަލް އެވޯރޑްސްގައި މިއަހަރު 39 ކެޓަގަރީއަކަށް ވާދަކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި އެވޯޑަށް ދިވެހިރާއްޖެއާއި، އިންޑިޔާ، ސްރީ ލަންކާ، ބޫޓާން، ނޭޕާލް އަދި ބަންގްލަދޭޝްގެ 500 އަށް ވުރެ ގިނަ ތަންތަން ވަނީ ނޮމިނޭޓްކޮށްފައެވެ. މިއަހަރުގެ ސާޓާ އެވޯޑް ރާއްޖެއާއި ރާއްޖެއިން ބޭރުގެ 15 އަށް ވުރެ ގިނަ ތަންތަނުން ވަނީ އެންޑޯސްކޮށްފައެވެ.

2021 ވަނަ އަހަރު ބާއްވަން ހަމަޖެއްސި ސަޓާ އެވޯޑް ހަފްލާ ކޯވިޑާއި ގުޅިގެން ވަނީ ކެންސަލް ކޮށްފައެވެ. އެހެންކަމުން މިދިޔަ އަހަރުގެ އެވޯޑަށް ކުރިމަތިލީ ފަރާތްތައް ވަނީ މިއަހަރުގެ އެވޯޑަށް ނޮމިނޭޓްކޮށްފައެވެ.

2020 ވަނަ އަހަރުގެ ސަޓާ އެވޯޑް ބާއްވާފައިވަނީ އޮންލައިންކޮށެވެ. 2019 ވަނަ އަހަރު އެވޯޑް ހަފްލާ ބާއްވާފައިވަނީ ސްރީލަންކާގައެވެ. 2018 ވަނަ އަހަރު އިންޑިއާގައި ބާއްވާފައިވާއިރު، 2017 ވަނަ އަހަރު ރާއްޖޭގައި އަދި 2016 ވަނަ އަހަރު އެވޯޑް ހަފްލާ ބާއްވާފައިވަނީ ސްރީލަންކާގައެވެ.