ޚަބަރު

ފޯޑުން ގިނަ އަދަދެއްގެ ވަޒީފާތަކެއް މަދުކުރަން ނިންމައިފި


ޚަރަދު ކުޑަކުރުމަށާއި އިލެކްޓްރިކް ވެހިކަލް އުފެދުމަށް އަމާޒު ހިފުމަށް ގާތްގަޑަކަށް 80 ހާސް ވަޒީފާ މަދުކުރުމަށް އެމެރިކާގެ އޮޓޯމޮބައިލް ކުންފުނި ފޯޑު މޮޓޯސް އިން ނިންމައިފިއެވެ.

މި ވަޒީފާތަކަކީ މުސާރަ ލިބޭ ވަޒީފާތަކުގެ ތެރެއިން މަދުކުރާ ވަޒީފާތަކެކެވެ. ވަޒީފާތައް މަދުކުރާނީ ފޭސް ތަކަކަށް ބަހާލައިގެންނެވެ. ނަމަވެސް މަދުކުރަނީ ކޮން ވަޒީފާތަކެއްކަމެއް ފޯޑުން އަދި ހާމައެއްނުކުރެއެވެ.

ފޯޑުގެ ތަރުޖަމާނު ވިދާޅުވާގޮތުގައި ހީކުރުންތަކަކަށް ކުންފުނިން ޖަވާބުދާރީއެއް ނުވާނެއެވެ. ނަމަވެސް ކުންފުނިން އުފައްދާ އިލެކްޓްރިކް ވެހިކަލްގެ އަދަދު އަންނަ އަހަރު 6 ލައްކަ އަށް އިތުރުކުރުމަށާއި، މިއަދަދު 2026 އަންނަ ވާއިރަށް 2 މިލިއަނަށްވުރެ އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ. އަދި މިކަމާއިބެހޭ އިންވެސްޓަރުންނާއި މަޝްވަރާތައް ކުރުމަށް ކޮންފަރެންސް ބައްދަލުވުމެއް ބާއްވަން ހަމަޖައްސާފައިވާކަމަށް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

2026 ވަނަ އަހަރާއި ހަމައަށް އިލެކްޓްރިކް ވެހިކަލް އުފެއްދުމަށް 50 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކުރުމަށް މިދިޔަ މާރިޗުމަހު ފޯޑުން ވަނީ ނިންމާފައެވެ. އިލެކްޓްރިކް ވެހިކަލް އުފެއްދުމަށް ހޭދަކުރުމަށް ފޯޑުން މީގެކުރިން ނިންމާފައިވަނީ 30 ބިލިއަން އެމެރިކާ ޑޮލަރެވެ.