ކުޅިވަރު

ޔޫވީ އަތުން ބަލިވެ ސަސް ރެލިގޭޝަނަށް


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ބަލިވެ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ރެލިގޭޝަން ބުރުގައި ކުޅެން ޖެހިއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން ސަސް ބަލިވީ ޔޫވީ އަތުން 3-1 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާއާއެކު ސަސްއަށް ރެލިގޭޝަނުގައި ކުޅެން ޖެހޭނެކަން ކަށަވަރުވިއިރު، އެ ޓީމާއެކު ދެން ރެލިގޭޝަނުގައި ކުޅޭނެ ފުރަތަމަ ޑިވިޝަނުގެ އަނެއް ޓީމަކީ ތާވަލުގެ ފުލުގައި މޮޅެއް ނުލިބި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބެވެ. ރެލިގޭޝަން ބުރުގައި ކުޅޭނީ ލީގުގެ ފުލަށްދާ ދެ ޓީމުގެ އިތުރުން ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރުކުރާ ދެ ޓީމެވެ. ރެލިގޭޝަން ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅުމަށް ފަހު، އެންމެ ނަތީޖާ ރަނގަޅު ދެ ޓީމެއް އަންނަ ސީޒަނުގެ ލީގަށް ކޮލިފައިވާނެއެވެ.

ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުގައި ޔޫވީން މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 27 ވަނަ މިނެޓުގައި ބެލަރޫސްގެ ފޯވާޑް އިވާން ވެރާސް ބޮލުން ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސާބިއާގެ ފޯވާޑް މީލޯސް ކޮވަސެވިޗެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިގެން ސަސްއިން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު، މި ހާފުގައި ހިލޭ ޖެހުމަކުން އެ ޓީމުގެ މުޙައްމަދު ސާމިރު ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ. އޭގެ ފަހުން މެޗުގެ 67 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް އަތީގް ހަސަން (އިއްބެ) އެވެ. މިއީ އޭރިއާ ތެރެއިން ސަސްގެ މުޙައްމަދު ސަޚާއުއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.

މި މެޗުގައި ސަސްއިން ނަތީޖާ އެއްވަރުކުރިތާ ފަސް މިނެޓު ފަހުން ޔޫވީން ވަނީ އަލުން ލީޑު ނަގާފައެވެ. ސަސްގެ ޑިފެންޑަރު އަޙްމަދު އިނާން އަތުން ބޯޅަ އަތުލުމަށްފަހު މި ލަނޑު ޔޫވީއަށް ކާމިޔާބުކޮށްދިނީ ވެރާސްއެވެ. އަދި މެޗުގެ ފަހު މިނެޓުގައި އަޙްމަދު ބައްސާމް މުޙައްމަދު ނައީމް (ބައްކު) ދިން ބޯޅައަކުން އިވާން ވަނީ އިތުރު ލަނޑެއް ޖަހައި، ޔޫވީގެ ލީޑު ފުޅާކޮށްދީފައެވެ.

މި މޮޅާއެކު ތާވަލުގެ ފަސްވަނައަށް ޔޫވީ ޖެހިލިއިރު، އެ ޓީމަށް ކުޅުނު 19 މެޗުން ވަނީ 26 ޕޮއިންޓް ލިބިފައެވެ. އަދި ތާވަލުގެ ހަތަރުވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކުލަބާއި ފަސްވަނައިގައި އޮތް ކުލަބު ގްރީން ސްޓްރީޓްސްއަށްވެސް ވަނީ 26 ޕޮއިންޓް ލިބިފައެވެ. މީގެ ތެރެއިން ޓީސީން މިހާތަނަށް ކުޅެފައިވަނީ 18 މެޗެވެ. މީގެ އިތުރުން ރެލިގޭޝަނުގައި ކުޅެން ޖެހުނު ސަސްއަށް 19 މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ.