އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކުލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗު ކުލަބު އީގަލްސްއިން ކާމިޔާބުކޮށްފިއެވެ.
ބުރާސްފަތި ދުވަހުގެ ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު އީގަލްސްއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ވަރަށް ކުރީކޮޅު އީގަލްސްއިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލުގެ ފޯވާޑް ބްރޫނޯ ވިނީޝިއުސްއެވެ. މިއީ ގްރީންގެ މިޑްފީލްޑަރު ހަސަން ފަވާޒް (ފައްވަ) ހެދި ގޯހެއްގެ ފައިދާ ނަގައި ވިނީޝިއުސް ކާމިޔާބުކުރި ލަނޑެކެވެ.
އޭގެ ފަހުން މެޗުގެ 19 ވަނަ މިނެޓުގައި އީގަލްސްއިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މިއީ އޭރިއާ ތެރެއިން އީގަލްސްގެ ހަސަން ރާއިފް އަޙްމަދު (ހަންނަ) ފޮނުވާލި ހަމަލާ، ގްރީންގެ ޑިފެންޑަރު އިބްރާހީމް ހަސީބުގެ ގައިގައި ޖެހިފައި ވަން ލަނޑެކެވެ.
އީގަލްސްއިން ލީޑު ފުޅާކުރުމާއެކު ގްރީންއިން ކުރިއަށް ޖެހި އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 27 ވަނަ މިނެޓުގައި ގްރީންގެ މުޙައްމަދު ޖައިލަމް (އޮގީ) ވަނީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ލަނޑެއް ޖަހައި، އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ.
މި މެޗުގައި އީގަލްސްއިން އަލުން ލީޑު ފުޅާކޮށްފައިވަނީ ދެވަނަ ހާފުގައެވެ. މެޗުގެ 55 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ނޫމާން (ހެލްމެޓް) އެވެ. މިއީ އީގަލްސްގެ ހުސެއިން ސިފާއު (ކުރޯ) ނަގައިދިން ހިލޭ ޖެހުމަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
މި މޮޅާއެކު އީގަލްސްއިން ވަނީ އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ފަސް ޕޮއިންޓު ގާތަށް ޖެހިލައިފައެވެ. އެގޮތުން މާޒިޔާ އެއްވަނައިގައި އޮތީ ކުޅުނު 18 މެޗުން ލިބުނު 51 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އީގަލްސްއަށް 19 މެޗުން ވަނީ 46 ޕޮއިންޓް ލިބިފައެވެ. މީގެ އިތުރުން ތާވަލުގެ ހަތަރު ވަަނައިގައި ގްރީން އޮތީ 19 މެޗުން 26 ޕޮއިންޓް ހޯދައިގެންނެވެ.