ޚަބަރު

ހުޅުދޫ ބަނދަރުގެ މަސައްކަތް ހުއްޓުވި ސަބަބު މިދަނީ ހޯދަމުން: ޕްލޭނިންގ މިނިސްޓްރީ


އައްޑޫސިޓީ ހުޅުދޫ ބަނދަރުގެ މަސައްކަތް ހުއްޓާލުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން އެންގީ ޤަވާއިދާއި ޙިލާފަށް ކުރި މަސައްކަތެއް ސާފުކޮށް ނުދީކަމަށް ޕްލޭނިންގ މިނިސްޓްރީން ހާމަކޮށްފިއެވެ.


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަސައްކަތް ހުއްޓާލުމަށް އީޕީއޭއިން އެންގީ މިމަސައްކަތުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރު ބެލުމަށް ތައްޔާރު ކުރި ރިޕޯޓާއި ޙިލާފަށް މަސައްކަތް ކުރިއަށްގެންދާކަމަށް ބުނެއެވެ. އެގޮތުން މަސައްކަތުގެ ތެރެއިން ހުއްޓުވާފައިވަނީ ކޮނުމުގެ މަސައްކަތާއި، ބިން ހިިއްކުމުގެ މަސައްކަތެވެ.

މިމަސައްކަތް ހުއްޓުވާފައިވާއިރު، ހުޅުދޫ ބަނދަރު ތަރައްޤީކުރަނީ ކުރީގެ ބަނދަރު ބޭރުން ބައެއް ހިއްކައިގެނެވެ. އެގޮތުން ކުރީގެ ބަނދަރަށް އެއްކޮށް ވެލި އަޅައިފައިވާއިރު ހުޅުދޫ ބަނދަރުގެ 88 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން މިހަފްތާގެ ކުރީކޮޅު ވަނީ ހާމަކޮށްފައެވެ. ހުޅުދޫ ބަނދަރުގެ އިތުރުން ހުޅުމީދޫ މިފްކޯ ބަނދަރު ފުން ކުރުމުގެ މަސައްކަތްވެސް އެމްޓީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދެއެވެ. މިމަސައްކަތްވެސް އީޕީއޭއިން ވަނީ ހުއްޓުވާފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، މިމަސައްކަތް ހުއްޓުމަށް އީޕީއޭއިން އަނގާފައިވުމުން މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ. ނަމަވެސް މިމަޝްރޫޢުތަކަކީ އީއައިއޭ ފުރިހަމަ ކުރެވި، ހުއްދަ ލިބިގެން އީއައިއޭއާއި އެއްގޮތަށް ކުރިއަށް ގެންގޮސްފައިވާ މަޝްރޫޢުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހުއްޓާލަން އެންގި ސަބަބު ސާފުކުރުމަށް މިނިސްޓްރީން މިހާރު މަސައްކަތް ކުރަމުންދާކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

ސ. ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ ދަށުން 88،000 ކިއުބިކްމީޓަރުގެ ސަރަހައްދެއް ފުންކުރުމަށް ވަނީ ހަމަޖެހިފައިވެއެވެ. އަދި ހުޅުދޫ މެދު ބަނދަރުގެ މަސައްކަތުގެ ދަށުން، އެ ބަނދަރުން 1788 ކިއުބިކް މީޓަރުގެ ބިން ހިއްކާ 97 މީޓަރުގެ ބަނދު ތޮއްޓެއްލުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތްތައް ހުއްޓާލުމަށް އީޕީއޭއިން އަންގާފައިވާއިރު އެމްޓީސީސީން ވަނީ މިމަސައްކަތުގެ ބޮޑުބައެއް މިހާރު ނިންމާލާފައެވެ.