އިޓާލިއަން ލީގުގެ ޔުވެންޓަސްއަށް ކުޅެމުން އައި ނެދަލަންޑްސްގެ ޑިފެންޑަރު މަތިއުސް ޑި ލިޓް ޖަރުމަން ލީގުގެ ޗެމްޕިއަން ބަޔާން މިޔުނިކަށް ސޮއިކޮށްފިއެވެ.
އޭނާ ބަޔާނަށް ސޮއި ކޮށްފައިވަނީ 65.6 މިލިޔަން ޕައުންޑްގެ އަގަކަށެވެ. އަދި ޑި ލިޓް ބަޔާނަށް ސޮއިކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ޑި ލިޓް މީގެ ކުރިން އަޔެކްސް ދޫކޮށް ޔުވެންޓަސްއަށް 2019 ވަނަ އަހަރު ސޮއިކުރީވެސް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި މިވީ ތިން އަހަރުގެ ތެރޭގައި އޭނާ ވަނީ އެ ޓީމަށް 117 ފަހަރު ކުޅެދީފައެވެ. މިވީ މުއްދަތުގައު އޭނާ ވަނީ ޔުވެންޓަސް އާއެކު އިޓާލިއަން ލީގު އެއް ފަހަރު ކަމިޔާބުކޮށް، ކޮޕާ އިޓާލިއާގެ ތަށިވެސް އެއް ފަހަރު ކަމިޔާބުކޮށްފައެވެ.
ބަޔާނަށް ސޮއިކުރުމަށްފަހު ޑި ލިޓް ބުނީ ބަޔާން ފަދަ ވަރުގަދަ ކުލަބަކަށް އާދެވުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ބަޔާނަކީ ޖަރުމަނުގެ އެންމެ ކާމިޔާބު ކުލަބުގެ އިތުރުން ޔޫރަޕުގައިވެސް އެންމެ ފާހަގަ ކޮށްލެވޭ އެއް ކުލަބު ކަމަށްވެސް ވަނީ ބުނެފައެވެ.
ޗެލްސީންވެސް ހޯދަން މަސައްކަތްކުރި ޑި ލިޓަކީ އައު ސީޒަނަށް ބަޔާނަށް ސޮއިކުރި ނެދަލަންޑްސްގެ ދެވަނަ ކުޅުންތެރިޔާއެވެ. އެގޮތުން މީގެ ކުރިން އެ ކުލަބުން ވަނީ ރަޔަން ގްރަވެންބާކުގެ ސޮއި ހޯދާފައެވެ.