ކުޅިވަރު

ބަޔާން ދޫކޮށް ލެވަންޑޯސްކީ ބާސާއަށް ސޮއިކޮށްފި


ޖަރުމަން ލީގުގެ ޗެމްޕިއަން ބަޔާން މިޔުނިކް ދޫކޮށް ޕޯލަންޑުގެ ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ސްޕެއިންގެ ބާސެލޯނާއަށް ސޮއިކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބާސާއިން ލެވަންޑޯސްކީގެ ސޮއި ހޯދާފައިވަނީ 50 މިލިޔަން ޔޫރޯގެ އަގަކަށެވެ. އަދި ލެވަންޑޯސްކީ ބާސާއަށް ސޮއިކޮށްފައިވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ލެވަންޑޯސްކީ ބަޔާން ދޫކޮށްލާފައިވަނީ އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން ނިމެން އެއް އަހަރަށް ވެފައިވަނިކޮށެވެ. ލެވަންޑޯސްކީ މިހާރު ވަނީ އެމެރިކާގެ މައޭމީގައި ކުރިއަށްދާ ބާސާގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައެވެ. ބާސާއިން އެމެރިކާގައި ކުރިއަށްގެންދާ ޕްރީ-ސީޒަން ޓުއާގައި ހަތަރު މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ބާސާއަށް ސޮއި ކުރުމަށްފަހު ލެވަންޑޯސްކީ ވަނީ އެ ޓީމާ ގުޅުމުގެ ފުރުސަތު ލިބުމުން ވަރަށް ހިތްހަމަޖެހޭ ކަމަށް ބުނެފައެވެ. އަދި ބާސާ ކުރިން އޮތް މަގާމަށް ގެންދިއުމަށް އޭނާއަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދޭނެ ކަމަށާއި، ބާސާއަށް އައީ އޭނާއަށް ކާމިޔާބުކުރެވުނު އެންމެ ގިނަ ތަށި ކާމިޔާބުކުރުމަށް ކަމަށްވެސް ލެވަންޑޯސްކީ ވަނީ ބުނެފައެވެ.

2014 ވަނަ އަހަރު ހިލޭ ޓްރާންސްފާއެއްގެ ދަށުން ބޮރޫޝިއާ ޑޯޓްމުންޑުން ބަޔާނަށް ބަދަލުވި ލެވަންޑޯސްކީގެ މި ފަހަރުގެ އެއްބަސްވުމުގައު ބައިއައުޓް ކްލައުސްއެއްގެ ގޮތުގައި 500 މިލިޔަން ޔޫރޯ ވަނީ ހިމަނާފައެވެ. ލެވަންޑޯސްކީއަކީ އައު ސީޒަނަށް ބާސާއިން ގެނައި ހަތަރުވަނަ ކުޅުންތެރިޔާއެވެ.