ކުޅިވަރު

ސްޕެއިން ބަލިކޮށް ސެމީގެ ފުރަތަމަ ޖާގަ އިންގްލަންޑަށް


ޔުއެފާ ވިމެންސް ޔޫރޯ 2022 ގެ ކުއާޓާ ފައިނަލުގައި ސްޕެއިން ބަލިކޮށް ސެމީ ފައިނަލުން އިންގްލަންޑް ޖާގަ ހޯދައިފިއެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު އިންގްލަންޑުން ކާމިޔާބުކުރީ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވުމުން، ކުޅުނު އިތުރު ވަގުތުގައި ކާމިޔާބުކުރި ލަނޑާއެކު 2-1 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސްޕެއިންގެ ޓީމުންނެވެ. އެކަމަކު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ދެވަނަ ހާފު ފަށައިގެން ނުވަވަނަ މިނެޓުގައި ސްޕެއިނުން ޖެހިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެސްޓާ ގޮންޒާލޭސްއެވެ. އެކަމަކު މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެލާ ޓޫން ވަނީ ލަނޑެއް ޖަހައި، އިންގްލަންޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެޗު ފުރިހަމަ ވަގުތު ހަމަވިއިރު މި ނަތީޖާއަށް ބަދަލެއް ނައުމުން ވަނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެފައެވެ. އެ އާއެކު މި މެޗުން އިންގްލަންޑް މޮޅުވި ލަނޑު މެޗުގެ 96 ވަނަ މިނެޓުގައި ޖަހައިދިނީ ޖޯޖިއާ ސްޓާންވޭއެވެ.

މި ކާމިޔާބީއާއެކު އިންގްލަންޑުން ވަނީ އެ ޓީމުން އެންމެ ފަހުން ކުޅުނު ބޮޑު ހަތަރު މުބާރާތުގެވެސް ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. އަދި އެ ޓީމުގެ ކޯޗް ސެރިނާ ވެއިގްމަންގެ އިރުޝާދުގެ ދަށުން ބަލިނުވެ 18 މެޗު ވަނީ ހަމަކޮށްފައެވެ. މުބާރާތުގެ ސެމީގައި އިންގްލަންޑް ބައްދަލުކުރަން ޖެހޭނީ ސްވިޑްން އާއި ބެލްޖިއަމް ބައްދަލުކުރާ ކުއާޓާގެ މެޗުން މޮޅުވާ ޓީމަކާއެވެ.