ކުޅިވަރު

ގަލޮޅު ދަނޑަށް އެނބުރި އައި މެޗުން ނިއު ރޭޑިއަންޓަށް ބޮޑު މޮޅެއް


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ފަސޭހަކަމާއެކު ލޮރެންޒޯ ސްޕޯޓްސް ކުލަބު ބަލިކޮށް, ނިއު ރޭޑިއަަންޓް ސްޕޯޓްސް ކުލަބުން ގަލޮޅު ދަނޑަށް އެނބުރި އައުން ބޮޑު މޮޅަކުން ފާހަގަކޮށްފިއެވެ.

މި ފަހަރުގެ މުބާރާތުގައި ގްރޫޕް ދޭއްގައި ހިމެނޭ ނިއު ރޭޑިއަންޓުން ކުޅުނު ފުރަތަަމަ މެޗުގައި މި މަހު 17 ވަނަ ދުވަހު ޓީނޭޖް އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވި މެޗު ކުޅުނީ މާފަންނު ޓާފް އެއް ނަންބަރު ދަނޑުގައެވެ. އަދި ބުދަ ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑު (ގަލޮޅު ދަނޑު) ގައި ކުޅުނު މެޗުން ނިއު ރޭޑިއަންޓް މޮޅުވީ ލޮރެންޒޯ އަތުން ފަސޭހަކަމާއެކު 6-0 ގެ ނަތީޖާއަކުންނެވެ.

މިއީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ 4-4 ގެ ނަތީޖާއަކުން އެއްވަރުވި މެޗަށްފަހު، ގަލޮޅު ދަނޑުގައި އެ ޓީމުން ފުރަތަމަ މެޗެވެ. އަދި މިއީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތްވަނަ ދިވެހި ޕްރިމިއާ ލީގުގައި ފ. ނިލަންދޫ އަތުން މޮޅުވި ފަހުން، ގަލޮޅު ދަނޑުގައި ނިއު ރޭޑިއަންޓް މޮޅުވި ފުރަތަމަ ފަހަރެވެ.

ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި ނިއު ރޭޑިއަންޓުން ލީޑު ނަގާފައިވަނީ މެޗުގެ 23 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ގާނާގެ މިޑްފީލްޑަރު ތޯރިގު ޖެބްރިންއެވެ. އަދި އޭގެ ނުވަ މިނެޓު ފަހުން މުޙައްމަދު ލިޔާހު ވަނީ ލަނޑެއް ޖަހައި، ނިއު ރޭޑިއަންޓަށް ލީޑު ފުޅާކޮށްދީފައެވެ.

އޭގެ ހަތަރު މިނެޓު ފަހުން ތޯރިގު ނިއު ރޭޑިއަންޓުގެ ތިންވަނަ ލަނޑު ޖަހައިދިންއިރު، ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ގާނާގެ ފޯވާޑް ކޯފޫ އަވޫސޫ ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ތޯރިގު ވަނީ ނިއު ރޭޑިއަންޓަށް އިތުރު ލަނޑެއް ޖަހައިދިނީ، މެޗުގައި ހެޓްރިކް ހަދާފައެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ނިއު ރޭޑިއަންޓުން މޮޅު ކުޅުމެއް ދެއްކިއިރު، މި ހާފުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ނިއު ރޭޑިއަންޓުން ކާމިޔާބުކޮށްފައިވަނީ މެޗުގެ 69 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ދެވަނަ ހާފުގައި ކުޅެން ނުކުތް އަލީ އަޒުމީއެވެ.

ޖުމްލަ 16 ޓީމާއެކު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި ފަހަރުގެ ދެވަނަ ޑިވިޝަން ރޭވިފައިވާ ގޮތުން ދެ ގްރޫޕުން އެންމެ ގަދަ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. އަދި ސެމީ ފައިނަލަށް ފަހު ފައިނަލަށް ހޮވޭ ދެ ޓީމު ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނަށް ހޮވޭނެއެވެ.