ރާއްޖޭގައި ކުރިއަށްދިޔަ 54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގައި މިސްޓަ އޭޝިއާގެ މަގާމު އިންޑިއާގެ ޔަތިންދްރަ ސިންހް ހޯދައިފިއެވެ.
އޭޝިއާ ބައްރުގެ 26 ގަައުމަކުން 500 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރި މި މުބާރާތުގެ ބޮޑީބިލްޑިން ކެޓަގަރީގެ ހުރިހާ ޗެމްޕިއަނުންގެ ތެރެއިން ހޮވި މިސްޓަ އޭޝިއާގެ ކެޓަގަރީއަށް ޔަތިންދްރަ ދަތުރުކުރީ 85 ކިލޯގެ ސީނިއާ މެންސް ބޮޑީބިލްޑިން ކެޓެގަރީން ޗެމްޕިއަންކަން ހޯދައިގެންނެވެ.
މިސްޓަ އޭޝިއާގެ ފައިނަލުގައި 55 ކިލޯގެ ސީނިއާ މެންސް ބޮޑީބިލްޑިން ކެޓެގަރީން ރަން މެޑެލް ހޯދި ރާއްޖޭގެ މުޙައްމަދު މޫސާ (މޯޑު) ވެސް ވާދަކުރިއެވެ. އެއާއެކު އޭނާ ވެފައި ވަނީ އޭޝިއާގެ ބޮޑީބިލްޑިން މުބާރާތުގެ މިސްޓަ އޭޝިއާ ކެޓެގަރީގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ އެތުލީޓަށެވެ.
ޗެމްޕިއަން އޮފް ޗެމްޕިއަންސްގެ ތެރެއިން ހޮވި މިސްޓަ އޭޝިއާގެ ފައިނަލުގައި ވާދަކުރި 10 އެތުލީޓުންގެ ތެރެއިން ހަ އެތުލީޓުންނަކީ އިންޑިއާގެ އެތުލީޓުންނެވެ. އެއާއެކު މުޅި މުބާރާތުގެ އެއްވަނަ ޓީމަކަށް ހޮވުނީވެސް އިންޑިއާއެވެ.
ކ. މާފުށި އަދި ކްރޮސްރޯޑްސްގައި ކުރިއަށްގެންދިޔަ މި މުބާރާތަކީ ބޮޑީބިލްޑިންގެ ތާރީޚުގައި ރާއްޖެއަށް ކާމިޔާބު މުބާރާތެކެވެ. އެގޮތުން މި މުބާރާތުގައި ރާއްޖޭން ވަނީ ޖުމްލަ ހަ މެޑެލް ހޯދާފައެވެ. އޭގެ ތެރޭގައި ތިން ރަން މެޑެލް ހިމެނެއެވެ.
އެގޮތުން މޯޑުގެ އިތުރުން އެތުލެޓިކް ފިޒީކުގެ 175 ސެންޓިމީޓަރު ބައިން ރާއްޖޭގެ ހުސައިން ހިމްޔާނުވެސް ވަނީ ރަން މެޑެލް ހޯދާފައެވެ. އަދި ފިރިހެނުންގެ ސްޕޯޓްސް ފިޒީކުގެ 170 ސެންޓިމީޓަރު ބައިން ރާއްޖޭގެ އަޒްނީން ރަޝާދުވެސް ވަނީ ރަން މެޑެލް ހޯދާފައެވެ.
މީގެ އިތުރުން މި މުބާރާތުގައި ރާއްޖެން ވަނީ އެއް ރިހި މެޑެއްޔާއި، ދެ ލޯ މެޑެލް ހޯދާފައެވެ. އެގޮތުން އެތުލެޓިކް ފިޒީކުގެ 160 ސެންޓިމީޓަރު ބައިން ފަތުހުﷲ މުޙައްމަދު ރިހި މެޑެލް ހޯދިއިރު، އެ ބައިން މުޙަހައްމަދު ޒިދާން ވަނީ ލޯ މެޑެއްޔެއް ހޯދާފައެވެ. އަދި ފިރިހެނުންގެ ސްޕޯޓްސް ފިޒީކުގެ 180 ސެންޓިމީޓަރުން މަތީގެ ބައިން ގެ މުޙައްމަދު އިމްރާހުވެސް ވަނީ ލޯ މެޑެއްޔެއްވެސް ހޯދާފައެވެ.
ކާމިޔާބުކަމާއެކު ރާއްޖޭގައި ބޭއްވި އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގެ ބްރޯޑްކާސްޓިން މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އެވެ.