ކުޅިވަރު

ގާފަރު ކައުންސިލް ވެޓެރަންސް ކަޕުގެ ޗެމްޕިއަންކަން ނިއު ޔަންގް ސްޕޯޓްސްއަށް


މެޗަކުން ބަލިނުވެ ސައްތައިން ސައްތަ ރިކޯޑަކާއެކު ގާފަރު ކައުންސިލް ވެޓެރަންސް ކަޕް 2022 ގެ ޗެމްޕިއަންކަން ނިއު ޔަންގް ސްޕޯޓްސްއިން ހޯދައިފިއެވެ.

މި މުބާރާތުގެ ފައިނަލް މެޗު ނިއު ޔަންގް ސްޕޯޓްސްއިން ކާމިޔާބުކުރީ ފައިނަލް މެޗުގައި އޯކޭ ލެޖެންޑްސްއާ ވާދަކޮށް 4-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީ ނިއު ޔަންގް ސްޕޯޓްސްގެ ނައުފަލް ނަސީރެވެ. ލީގު އުސޫލުން ކުރިއަށް ގެންގޮސް އެންމެ ގިނަ ޕޮއިންޓް ހޯދި ދެ ޓީމު ފައިނަލަށް ދާގޮތަށް ކުޅުނު މި މުބާރާތުގައި ޖުމްލަ ފަސް ޓީމު ވަނީ ވާދަކޮށްފައެވެ.

މި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންނަކީ ނިއު ޔޫތު ސްޕޯޓްސްގެ އަޙްމަދު ނިޝާނާއި، އެ ޓީމުގެ ނައުފަލް ނަސީރު އަދި އަޙްމަދު ނައުފަލެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ހަތަރު ލަނޑު ޖަހާފައެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ނިއު ޔޫތު ސްޕޯޓްސްގެ އަޙްމަދު ނިޝާން ހޮވުނުއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެ ޓީމުގެ ކޯޗު އަޙްމަދު އަޝްފާގެވެ.

މީގެ އިތުރުން މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ނިއު ޔޫތު ސްޕޯޓްސްގެ އަޙްމަދު ނިޝާނާއި، އެ ޓީމުގެ ހަނީފް ޒާހިރާއި، އޯކޭ ލެޖެންޑްސްގެ އިބްރާހީމް މާޖިދާއި، އެ ޓީމުގެ އަލީ އަރްޝާހުގެ އިތުރުން އިސާފް މާހިރެވެ.

މި މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ހާޖީސް ޔުނައިޓެޑެވެ. އަދި ފެއާ ޕްލޭ ކުޅުންތެރިއަކީ އޯކޭ ލެޖެންޑްސްގެ އިބްރާހީމް މާޖިދެވެ.

މި މުބާރާތް ކާމިޔާބުކުރުމާއެކު ނިއު ޔަންގް ސްޕޯޓްސް ކުލަބަށް ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. އަދި ރަނަރަޕް ޓީމު ކަމަށްވާ އޯކޭ ލެޖެންޑްސްއަށް ވަނީ 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.