ދުނިޔެ

ރެފިއުޖީން އަނބުރާ ޤައުމަށް ދާން ޖެހޭ- މާރކެލް


ސޫރިޔާއާ އިރާޤުން ޖަރުމަނުވިލާތަށް އަންނަމުންދާ ރެފިއުޖީން، އެޤައުމުގައި މިހާރު ހިނގަމުންދާ ހަނގުރާމަތައް ނިމުމުން އަލުން އެނބުރި ޤައުމަށް ދާން ޖެހޭނެ ކަމަށް ޖަރުމަނުގެ ޗާންސެލަރ އެންގެލަރ މާރކެލް ވިދާޅުވެއްޖެއެވެ.ވެރިކަން ކުރާ ސީ.ޑީ.ޔޫއިން ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޖަރުމަނު ޗާންސެލަރ މާރކެލް ވިދާޅުވީ، ޖަރުމަނަށް އަންނަ ރެފިއުޖީންނަށް އެޤައުމުން ދެމުންދަނީ ވަގުތީ ހިޔާ ކަމަށާ ސޫރިޔާއާ އިރާޤު ފަދަ ޤައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތައް ނިމުމުން އެޤައުމުތަކުގެ ރެފިއުޖީން އެނބުރި ޤައުމަށްދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.މާރކެލް ވިދާޅުވީ، 1990 ގެ އަހަރުތަކުގައި ކުރީގެ ޔޫގޮސްލާވިއާއިން ޖަރުމަނަށް ހިޖުރަކުރި މީހުންގެ ތެރެއިން 70 އިންސައްތަ މީހުން މިހާރު އެނބުރި ގޮސްފައިވާ ކަމަށެވެ. ޖަރުމަނުވިލާތަށް އަންނަމުންދާ ރެފިއުޖީންގެ އަދަދު އިތުރުވުމުގެ ސަބަބުން ޗާންސެލަރ މާރކެލްގެ ސަރުކާރަށް ދަނީ ގިނަ ބައެއްގެ ފާޑު ކިއުންތައް އަމާޒުވަމުންނެވެ.