ކުޅިވަރު

ކުނޑި ސަލީމް އޭޝިއާގެ ބޮޑު މުބާރާތެއްގައި ރެފުރީކަން ކުރަނީ


އަންނަ މަހު ކިރްގިސްތާނުގައި ފަށާ ތިންވަނަ އޭވީސީ ޗެލެންޖު ކަޕުގައި ރެފްރީކަން ކުރުމުގެ ފުރުސަތު ރާއްޖޭގެ ތަޖުރިބާކާރު ވޮލީބޯޅަ ރެފްރީ އަޙްމަދު ސަލީމް (ކުނޑި)އަށް ލިބިއްޖެއެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރެފްރީސް ކޮމިޝަން މެމްބަރުކަމާއި ޓެކްނިކަލް ކޮމިޝަނުގެ މެމްބަރުކަން ފުރަމުން އަންނަ ކުނޑި އަޙްމަދު ސަލީމްއަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް ރެފްރީއެވެ.

މި ފަހުން ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމުން ކުޅުނު ގިނަ މެޗުތަކެއްގައި ރެފްރީކަން ކުރި ކުނޑި އަޙްމަދު ސަލީމް ވަނީ މި އަހަރުގެ ވޮލީ ސީޒަނުގައި ކުޅުނު މުހިންމު ގިނަ މެޗުތަކުގައިވެސް ރެފްރީކަން ކޮށްފައެވެ.

ކުނޑި އަހުމަދު ސަލީމަށް ފުރުސަތު ލިބިގެންދިޔަ، އޭވީސީ ޗެލެންޖް ކަޕް ޝެޑިއުލްކޮށްފައިވަނީ އަންނަ މަހު، 28 އިން ސެޕްޓެމްބަރު ހަތަަރަކަށެވެ. މުބާރާތް ކުރިއަށްދާނީ ކިރްގިސްތާންގެ ޗޮލްޕޯން އާޓާގައެވެ.
\
ކުނޑި އަޙްމަދު ސަލީމް ވޮލީބޯޅަ ރެފްރީކަން ފެށީ 1996 ވަނަ އަހަރު އަސާސީ ކޯހެއްގެ ގޮތުަގައި ވޮލީބޯޅަ ރެފްރީކަން ދަސްކޮށްގެންނެވެ. އެ ހިސާބުން ފެށިގެން އޭނާ ވޮލީބޯޅަ ރެފްރީކަން ނުކުރާ ލެވަލެއް ނެތެވެ. އޭނާ ވޮލީބޯޅައަށް މެދު ކެނޑުމެއްނެތި ޚިދުމަތް ކުރާތާ މިހާރު 25 އަހަރު ވަނީ ވެފައެވެ.

ރާއްޖޭގައި ބޭއްވި އެކި އިންވިޓޭޝަނަލް މުބާރާތްތަކާއި ދެކުނު އޭޝިއާގެ ގިނަ ގައުމުތަކެއްގައި ބޭއްވި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ކުނޑި އަހުމަދު ސަލީމް ވަނީ ރެފްރީކަން ކޮށްފައެވެ. އޭގެ ތެރޭގައި އޭޝިއަން ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސްގެ މުހިންމު މެޗުތައް ހިމެނެއެވެ.