ޚަބަރު

ވިނަރެސް ފްލެޓްތައް ބަލާލުމުގެ ފަހު ފުރުޞަތު މާދަމާގެ ނިޔަލަށް


ވިނަރެސް ފްލެޓްތައް ބަލާލުމަށް ހުޅުވާލި ފުރުޞަތު މާދަމާއިން ފެށިގެން ބަންދުވާނެކަމަށް ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވެއްޖެއެވެ. ފްލެޓްތައް ބަލާލަން ބޭނުންވާ މީހުން މާދަމާގެ މެންދުރު 12:00ގެ ކުރިން ރަޖިސްޓްރީވުމަށް އެޗްޑީސީން ވަނީ އަންގަވާފައެވެ.

ވިނަރެސް ހައުސިން މަޝްރޫޢުގެ ފްލެޓްތަކަކީ ދެން އެންމެ އަވަހަށް އާއްމުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުއެވެ. މި މަޝްރޫޢުގައި ހިމެނެނީ 1344 ފްލެޓެވެ. އެއީ 10 ޓަވަރެއެވެ.

މި މަޝްރޫޢުގައި މިހާރު ކުރަމުންދަނީ ފިނިޝިން މަސައްކަތްތަކެވެ. މަޝްރޫޢުގެ ފްލެޓްތައް ވިއްކުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިހާރުވަނީ ހުޅުވާލާފައެވެ.

ފްލެޓްތައް ވިއްކަން ހުޅުވާލުމުގެ ކުރިން، ފްލެޓްތައް ބަލާލުމުމުގެ ފުރުޞަތު އެޗްޑީސީން ފުރަތަމަ ހުޅުވާލީ މިދިޔަ ޖޫން މަހުގެ 2ވަނަ ދުވަހުއެވެ. ފުރުޞަތު ހުލުވާލި ފުރަތަމަ ދެ ދުވަހުވެސް ހާހެއްހާ މީހުން ފްލެޓް ބަލާލުމަށް ދިޔައެވެ.

އެޗްޑީސީން މިހާރުވަނީ ވިނަރެސް ފްލެޓްތައް ބަލާލުމުގެ އެންމެ ފަހު ފުރުޞަތު ހުޅުވާލާފައެވެ. އެގޮތުން މި ފުރުޞަތު ލިބޭނެ އެންމެ ފަހު ވަގުތަކީ މާދަމާގެ 15:00އާ ހަމައަށެވެ. އަދި ފްލެޓްތައް ބަލާލުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ހުޅުވިފައި އޮންނާނީ މާދަމާގެ މެންދުރު 12:00އާ ހަމައަށެވެ. ފްލެޓްތައް ބަލާލުމަށް ފުރުޞަތު ލިބޭނީ ސުންގަޑީއާ ހަމައަށް ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.

ފްލެޓްތައް ބަލާލުމަށް ރަޖިސްޓްރީކުރާނެ ލިންކް، އެޗްޑީސިގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވަނީ ޙިއްސާކޮށްފައެވެ. އިތުރު މަޢުލޫމާތު އެ ކޯޕަރޭޝަންގެ ހޮޓްލައިން 1516އަށް ގުޅުއްވުމުން ލިބޭނެއެވެ.

ވިނަރެސްގެ ފްލެޓްތައް ހަވާލުކުރާނީ ފްލެޓްތަކުގެ ހުރިހާ ފިނިޝިން މަސައްކަތްތައް ނިންމުމަށް ފަހުގައެވެ. މިއީ މުޅިންވެސް 3 ކޮޓަރީގެ އެޕަރޓްމަންޓްތަކެވެ.

ފްލެޓުތަކުގެ ބޮޑުމިން އުޅެނީ 883 އަކަފޫޓާއި 1395 އަކަފޫޓާ ދެމެދުއެވެ. ވިނަރެސް ފްލެޓްގެ އަގު އުޅެނީ 2.52 މިލިއަނާއި 2.59 މިލިއަން ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. މި މަޝްރޫޢުގެ ފްލެޓަށް އެދި ފޯމް ހުށައެޅުމަށް ހުޅުވާލާފަވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 15ވަނަ ދުވަހުގެ، 12:00ގެ ނިޔަލަށެވެ.

ޕްރޮޖެކްޓްގެ މަޢުލޫމާތާ އަގުތަކާއި އަދި ފްލެޓަށް ކުރިމަތިލާ މީހުންގެ ޝަރުތުތައް އެޗްޑީސީގެ ޕޯޓަލް މެދުވެރިކޮށް ލިބޭނެއެވެ. ފްލެޓަށް އެދޭ ފޯމު ހުށައެޅުމަށް ހުޅުވާލާފައިވަނީ އޮންލައިންކޮށެވެ.