ކުޅިވަރު

ވިފާގުގެ މޮޅު ލަނޑާއެކު އެލްޓީން ވިކްޓަރީ ހިފަހައްޓައިފި


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި އިސްމާޢީލް ވިފާގު ކާމިޔާބުކުރި މޮޅު ލަނޑާއެކު އެލްޓީ ސްޕޯޓްސް ކުލަބުން ވަރުގަދަ ވިކްޓަރީ ސްޕޯޓްސް ކުލަބު މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.

އަންގާރަ ދުވަހުގެރޭ ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު ވިކްޓަރީން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި ވިކްޓަރީގެ މިސްރުގެ ފޯވާޑް މުޙައްމަދު އޮސާމާ ނެގި ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ލުބުނާނުގެ ފޯވާޑް ކުޑޫ މުޙައްމަދެވެ. އޭގެ ފަހުން މެޗުގެ 24 ވަނަ މިނެޓުގައި ކުޑޫއަށް ވަނީ ދެވަނަ ލަނޑެއް ޖަހަންވެސް ފުރުސަތު ލިބިފައެވެ. އެކަމަކު އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެން އެލްޓީން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި ހާފުގެ ކުޅުން ފެށިގެން 10 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ވިފާގު މި ލަނޑު ކާމިޔާބުކޮށްފައިވަނީ މެދު ރޮނގާ ހިސާބުން ލިބުނު ބޯޅައެއް ހިފައިގެން ގޮސް، ވިކްޓަރީގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހުއެވެ.

މި މެޗުން ގްރޫޕް ދޭއްގައި ހިމެނޭ ވިކްޓަރީ އެއްވަރުވިއިރު، މި މުބާރާތުގައި އަންގާރަ ހަވީރު ގައުމީ ފުޓްބޯޅަ ކުޅުނު މެޗުގައި ގްރޫޕް އެކެއްގައި ހިމެނޭ ކުޑަ ހެންވޭރު ޔުނައިޓެޑުން ވަނީ 2-0 ގެ ނަތީޖާއަކުން ކުލަބު ޕީކޭ ބަލިކޮށް، މުބާރާތުގައި ފުރަތަމަ މޮޅު ހޯދާފައެވެ. މި މެޗަކީ މީގެ ކުރިން އާދީއްތަ ދުވަހުގެރޭ ކުޅެން ތާވަލުކުރި މެޗެކެވެ. އެކަމަކު މެޗު އަންގާރަ ދުވަހަށް ފަސްކުރީ މޫސުން ގޯސްވުމާ ގުޅިގެންނެވެ.

ޖުމްލަ 16 ޓީމާއެކު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި ފަހަރުގެ ދެވަނަ ޑިވިޝަން ރޭވިފައިވާ ގޮތުން ދެ ގްރޫޕުން އެންމެ ގަދަ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. އަދި ސެމީ ފައިނަލަށް ފަހު ފައިނަލަށް ހޮވޭ ދެ ޓީމު ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނަށް ހޮވޭނެއެވެ.