ޚަބަރު

ޤައުމިއްޔަތުގެ ގަހުގައި އަޅާނެ އެންމެ ފޮނި މޭވާއަކީ ތަޢުލީމީ ދަރިން - ރައީސް


ޤައުމިއްޔަތުގެ ގަހުގައި އަޅާނެ އެންމެ ފޮނި މޭވާއަކީ ތަޢުލީމީ ދަރިންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖާގައި ފާސްވި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕާއި ހައި އެޗީވާސް ސްކޮލަރޝިޕް ޙަވާކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިޖަލްސާގައި ވާހަކަފުޅުފައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖާގައި ފާސްވި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕާއި ހައި އެޗީވާސް ސްކޮލަރޝިޕް ލިބުނު ދަރިވަރުންނަށް މަރުޙަވާ ވިދާޅުވެފައެވެ. އަދި މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖާގައި ފާސްވެގެން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕް ހޯދީ ހުސް އަންހެންކުދިންކަން ފާހަގަކުރައްވައި އެކަމަށްޓަކައި އުފާފުޅުކުރައްވާކަން ހާމަކުރައްވައި މަރުޙަބާ ވިދާޅުވިއެވެ.

ސްކޮލަރޝިޕް ލިބުނު ދަރިވަރުންނާ މުޚާޠަބުކުރައްވައި ރައީސް ވިދާޅުވީ، މިކާމިޔާބާއެކު އެންމެ އިސްކަމެއްގެގޮތުގައި ދެކެންވީ މައިންބަފައިންނާއި ބެލެނިވެރިންގެ މަތިވެރި ޤުރުބާނީގެ މަތިން އަބަދުވެސް ހަނދާން ބަހެއްޓުމަށްކަމަށެވެ. އަދި ނިމުނު ތައުލީމީ މަރުޙަލާގައި ޓީޗަރުން ދެއްވި އިރުޝާދުތައް އަބަދުވެސް ހަނދާނުގައި ބެހެއްޓުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.

ސަރުކާރުން ތަޢުލީމަށް ދެއްވާ އަހަމިއްޔަތުކަމުގެމައްޗަށް ބައްލަވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤައުމިއްޔަތުގެ ގަހުގައި އަޅާނެ އެންމެ ފޮނި މޭވާއަކީ ތަޢުލީމީ ދަރިންކަމަށެވެ. މިއީ ދަރިވަރުންގެ ޙަޔާތުގެ ވަރަށް މުހިންމު މަރުޙަލާއެއް ނިންމައި އެއަށްވުރެ އަދި މާ މުހިންމު މަރުޙަލާއެއް ފަށާ ވަގުތުކަމަށް ރައީސް ވިދާޅުވިއެވެ. ދަރިން ތަޢުލީމީގޮތުން ޤާބިލް މޮޅުބަޔަކަށްވާން ނޭނދޭނެ އެކަކުވެސް ނުހުންނާނެކަމަށާ، އެކަން ދަނެ އެކަންކަމުގެ މައްޗަށް ފަހިކޮށް ސިޔާސަތުތައް ބައްޓަންކޮށް ފުރުސަތުތައް ފަހިކުރެއްވުމަކީ ސަރުކާރުތަކުން ކުރައްވަން ޖެހޭނެކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. ތަޢުލީމީ ހުނަރުވެރި ޖީލެއް ބިނާކުރުމަށް ކުރަންޖެހޭ މަސައްކަތަކީ މިވަގުތު ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިކަމަށްޓަކައި ރާއްޖޭގެ އިބްތިދާއީ ތަޢުލީމުގެ މަރުޙަލާ، އެއްވެސް ކުއްޖަކު ބާކީ ނުކޮށް ކިޔަވައިދެވޭނެ ނިޒާމެއް ޤާއިމުކޮށް ސެޓަލައިޓް ސްކޫލާއި އެނޫންވެސް އެކި ވަސީލަތްތައް ފަހިކޮށްދެއްވާފައިވާނެކަން ރައީސް ފާހަގަކުރެއްވިއެވެ. ސާނަވީ ތައުލީމު ފުޅާކުރައްވައި ކުރިން އުފުރުސަތު ނެތް އެތައް ރަށެއްގައި ފުރުސަތު ފަހިކޮށްދެއްވިކަންވެސް އެމަނިކުފަނު ހާމަކުރެއްވިއެވެ. އަދި ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދޭން ނިންމަވައި ސަރުކާރުން އެމަސައްކަތް ފެށްޓެވީވެސް ހަމަ މިމުހިންމު މަޤުސަދު ޙާސިލްކުރެއްވުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދުގެ ދުނިޔޭގެ ޙާލަތަށް ބައްލަވާލައްވައި ރައީސް ވިދާޅުވީ މިއީ ދުނިޔޭގެ ތާރީޚުގައިވެސް އަދި ރާއްޖޭގެ ތާރީޚުގައިވެސް ނާޒުކު ދަނޑިވަޅެއްކަމަށެވެ. މިއަދު ބައިނަލްއަޤްވާމީ ދުނިޔޭގެ 4 އުދަރެހުން ފެންނަނީ އިޤްތިޞާދީ، ސިއްޙީ، އަދި ތިމާވެށީގެ އެތައް މައްސަލަތައްކަން ރައީސް ފާހަގަކުރެއްވިއެވެ. މިއަދުގެ ބޮޑެތި މީހުން މިވާހަތައް މިދައްކާ ވަރަށްވުރެ މާ އަސަރާއެކު މާދަމާގެ ދަރިން މިވާހަކަ ދައްކާނެކަމަށާ، މިއަދުގެ ދަރިވަރުންނަނީ މާދަމާ ޤައުމު ބިނާކުރާނެ، އަދި ޤައުމަށް ދިމާވާ މިފަދަ އެކިއެކިކަންކަމުން ޤައުމަށް ރައްކާތެރިކަން ހޯދަން މަސައްކަތްކުރާނެ މީހުންނަށްކަމަށް ރައީސް ވިދާޅުވިއެވެ.

މަތީ ތައުލީމާއެކު، ދަރިވަރުންނާ ކުރިމަތިވާނީ ޒަމާނީ އެކިއެކި އޮއިވަރުތައްކަމަށާ، އެކަންކަމާ ކުރިމަތިލުމުގައި ކޮންމެ ކުއްޖަކީވެސް ވިސްނުންތެރިކަމާއެކި ކަންކަމާ ކުރިމަތިލައި، ތިމާއަކީ ދިވެހިބިމަށް އުފަން ދިވެހިންކަން ހަނދާން ބެހައްޓާ ދަރިވަވަރަށް ވުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.

ރައީސް ވިދާޅުވީ ދަރިވަރުންނަށް ވިދާޅުވާން އޮތްހާވެސް ވާހަކައަކީ އަބަދުވެސް ޤައުމުގެ ޙާލަތު މިއަދަށްވުރެ ރަނގަޅުކުރުމާމެދު ފިކުރުކޮށް ވިސްނުމަށް އިލްތިމާސްކުރާ ވާހަކަކަމަށެވެ. އަދި ކޮންމެ ގަދަ ކަނޑެއްގައި ދަތުރުކުރިޔަސް ހިތުގެ މިސްރާބު ސީދާކުރަން އިސްލާމް ދީނަށްވުރެ ރަނގަނޅު ސަމުގާއެއް ނޯންނާނެކަމަށް ރައީސް ދަރިވަރުންނަށް ވިދާޅުވިއެވެ.