ކުޅިވަރު

އޭޝިއަން ބޮޑީބިލްޑިން މުބާރާތް: ރާއްޖޭގެ މޯޑަށްވެސް ރަން މެޑެލް


ރާއްޖޭގައި މިހާރު ކުރިއަށްދާ 54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުން ރާއްޖޭގެ މުޙައްމަދު މޫސާ (މޯޑު) ރަން މެޑެލް ހޯދައިފިއެވެ.

މި ފަހަރުގެ މުބާރާތުން މޯޑު ރަން މެޑެލް ހޯދީ 55 ކިލޯގެ ސީނިއާ މެންސް ބޮޑީބިލްޑިން ކެޓެގަރީންނެވެ. އަންގާރަ ކުރިއަށްދިޔަ މި ބައިގެ ފައިނަލުގައި މޯޑާ ވާދަކުރީ އިންޑިއާ، ވިއެޓްނާމް، މިޔަންމާ އަދި އިރާގުގެ އެތުލީޓުންނެވެ.

މިއީ މި ފަޖަރުގެ އޭޝިއަން ބޮޑީބިލްޑިން މުބާރާތުގައި ރާއްޖެއިން ހޯދި ދެވަނަ ރަން މެޑެއްޔެވެ. އެގޮތުން މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ އަޒްނީން ރަޝާދު ވަނީ ފިރިހެނުންގެ ސްޕޯޓްސް ފިޒީކުގެ 170 ސެންޓިމީޓަރު ބައިން ރަން މެޑެލް ހޯދާފައެވެ. އަދި މި މުބާރާތުގައި ރާއްޖޭގެ މުޙައްމަދު އިމްރާހު ވަނީ ފިރިހެނުންގެ ސްޕޯޓްސް ފިޒީކުގެ 180 ސެންޓިމީޓަރުން މަތީގެ ބައިން ލޯ މެޑެއްޔެއްވެސް ހޯދާފައެވެ.

މި ފަހަރުގެ އޭޝިއަން ބޮޑީބިލްޑިން މުބާރާތުން މޯޑު ރަން މެޑެލް ހޯދިއިރު، އޭނާ ވަނީ މީގެ ކުރިންވެސް ބައިނަލްއަގުވާމީ މައިދާނުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން މޯޑު ވަނީ ދެކުނު ކޮރެއާގައި 2019 ވަނަ އަހަރު ބޭއްވި 11 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގެ 55 ކިލޯގެ ސީނިއާ މެންސް ބޮޑީބިލްޑިން ކެޓެގަރީން ލޯ މެޑެލް ހާސިލުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ ނޭޕާލުގެ ކަތުމަންޑޫގައި 2019 ވަނަ އަހަރު ބޭއްވި 12 ވަނަ ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގެ 55 ކިލޯގެ ބައިން ރަން މެޑެއްޔާއި، އިންޑޮނީޝިއާގެ ބަތަމްގައި 2019 ވަނަ އަހަރު ބޭއްވި 53 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގެ 55 ކިލޯގެ ބައިން ލޯ މެޑެލްވެސް ހޯދާފައެވެ.

މި ފަހަރުގެ އޭޝިއަން ބޮޑީބިލްޑިން މުބާރާތުގައި އޭޝިއާ ބައްރުގެ 26 ގަައުމަކުން 500 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރެއެވެ. ރާއްޖެއިން މި މުބާރާތުގައި 20 އެތުލީޓުން ވާދަކުރާއިރު، އޭގެ ތެރޭގައި ރާއްޖެއަށް މީގެކުރިން މެޑެލް ހާސިލުކޮށްދިން އެތުލީޓުންނާއި އަލަށް ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރާ އެތުލީޓުން ހިމެނެއެވެ.

މި ފަހަރުގެ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގެ ބްރޯޑްކާސްޓިން މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އެވެ.