ވިޔަފާރި

އިއްޔެ އުފަންވި ކޮންމެ ކުއްޖަކަށް އެލައިޑްގެ ފަރާތުން ހަދިޔާއެއް


އެލައިޑްގެ 31 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ރާއްޖޭގައި އުފަންވި ހުރިހާ ކުދިންނަށް" ޗައިލްޑް އެޑިއުކޭޝަން އެކްސްޕެންސަސް ޕްލޭން" ހަދިޔާކޮށްފިއެވެ.

އެލައިޑުން ވަނީ އިއްޔެ ރާއްޖެއަށް އުފަންވެފައިވާ ހުރިހާ ކުދިންނަށް އެ ޕްލޭން ނެގުމުން މަހުން މަހަށް ދައްކަން ޖެހޭ ފައިސާގެ ފުރަތަމަ ތިން މަސްދުވަހުގެ ފައިސާ ހިލޭ ކޮށްދީފައެވެ.

އެގޮތުން އެލައިޑުން ވަނީ އިއްޔެ އައިޖީއެމްއެޗަށް އުފަންވި 4 ކުއްޖަކަށާއި އޭޑީކޭ ހޮސްޕިޓަލަށް އުފަންވި 7 ކުއްޖަކަށް މިއަދު މި އިންޝުއަރެންސް ޕްލޭން ހަދިޔާކޮށްފައެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި އިއްޔެ އުފަންވި ކުދިންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި އެފަރާތްތަކާއި ވެސް މި ޕްލޭން ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެލައިޑުން މަޢުލޫމާތުދެއެވެ.

މި އިންޝުއަރެންސް ޕްލޭނާ ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން އެލައިޑްގެ ޖެނެރަލް މެނޭޖަރ ނިޔާޒް މުޙައްމަދު ވިދާޅުވީ، މި އިންޝުއަރެންސް ޕްލޭނަކީ ދަރިންނަށް މަތީ ތަޢުލީމް ހާސިލްކޮށްދިނުމަށް އެހީވެދޭނެ ޕްލޭނެއް ކަމަށެވެ.