ޚަބަރު

މިނީ ބަހުގެ ޚިދުމަތް ފަށަން، ސިޓީ ކައުންސިލްގެ އެއްބާރުލުން ނުލިބޭ - އާޒިމް


މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ، މާލެ ސިޓީ ކައުންސިލުން ހަމަޖައްސަން ޖެހޭ ކަންކަން ހަމަޖައްސައި ނުދިނުންކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް ވިދާޅުވީ ބަހުގެ ޚިދުމަތް ފެށެން އޮތީ މާލޭގެ މަގުތަކަށް ބައެއް ބަދަލުތައް ގެނެސްގެން ކަމަށެވެ. އެއީ ސިޓީ ކައުންސިލުން ހަމަޖައްސައިދޭން ޖެހޭ ކަންކަން ކަމަށާ، އެހެންނަމަވެސް އެކަމަށް އެކައުންސިލްގެ އެއްބާރުލުން ލިބެމުން ނުދާކަމަށް އާޒިމް ވިދާޅުވިއެވެ.

މާލޭގައި ފެށުމަށް ސަރުކާރުން ނިންމާފައިވާ މިނީ ބަހުގެ ޚިދުމަތަކީ، ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ތެރޭގައި ހިމަނައިގެން ފަށާ ޚިދުމަތެކެވެ. މިކަމަށް ބޭނުންވާ ބަސްތައް މިހާރު ވަނީ ރާއްޖެ ގެނެފައެވެ. މި ޚިދުމަތް މާލޭގައި ދޭނީ އެމްޓީސީސީގެ ފަރާތުންނެވެ.

މިނީ ބަހުގެ ޚިދުމަތް ފެށުމަށް ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، ޚިދުމަތް ފެށުމަށް އެމްޓީސީސީގެ ފަރާތުން ވާންޖެހޭ ހުރިހާ ތައްޔާރީތައް ވެފައިވާކަމަށެވެ. އެގޮތުން މާލޭގެ މަގުތަކަށް ޚާއްސަކޮށް ބަސްތައް ފަރުމާކޮށް، ބަސްތައް ގެނައުމާއި ބަސްތައް ބަހައްޓާނެ ތަންތަން ހަމަޖެއްސުމާއި އެކަމަށް ބޭނުންވާ މުވައްޒަފުންވެސް ތަމްރީން ކުރުން ހިމެނެއެވެ. މިކަންކަން މިހާރުވަނީ ފުރިހަމަވެފައެވެ.

އާޒިމް ވިދާޅުވީ ޚިދުމަތް ފެށުމަށް މިހާރު އޮތް ހުރަހަކީ، މާލެ ސިޓީ ކައުންސިލުން ދޭންޖެހޭ އެއްބާރުލުން ނުލިބުންކަމަށެވެ.

ބަސް ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ މަޖީދީ މަގު، އަމީނީ މަގު އަދި ފަރީދީ މަގާއި އޯކިޑް މަގުންނެވެ. އާޒިމް ވިދާޅުވީ ޚިދުމަތް ފެށޭނީ މި މަގުތައް ބަސް ދުއްވޭ ގޮތަށް ފަހިކުރުމާއި، ބަސް ހުއްޓާނެ ސްޓޮޕްތައް ފާހަގަކުރެވިގެންކަމަށެވެ. އެ ސަރަޙައްދުތައް ހަމަޖެއްސުމަށް ސިޓީ ކައުންސިލްގައި އެދުމުންވެސް މިހާތަނަށް، އެއިން އެއްވެސް ކަމަކަށް ޖަވާބެއް ލިބިފައި ނުވަކަމަށް އާޒިމް ވިދާޅުވިއެވެ.

"އެމްޓީސީސީ މިއޮތީ ފުރިހަމައަށް ތައްޔާރަށް. ބޭނުންވަނީ ކަންކަން ހަމަޖައްސަން ކައުންސިލްގެ އެއްބާރުލުން. އެތަށް ފަހަރަކު ސިޓީ ފޮނުވައިގެންވެސް މިހާތަނަށް ޖަވާބު ލިބިފައެއް ނެތް." އާޒިމް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަޙުމަދު ނަރީޝް ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ، މިނީ ބަހުގެ ޚިދުމަތް މާލޭގައި ފެށިގެން އައުމަކީ ކައުންސިލުންވެސް ވަރަށް ބޭނުންވާ ކަމެއްކަމަށެވެ. އެހެންނަމަވެސް މި މުޅި ޚިދުމަތް ގުޅެނީ މާލޭގެ ޓްރެފިކާއި ޕާކިން މައްސަލައާކަމުން، މިއީ ޙައްލުތަކެއް ބޭނުންވާ މައްސަލައެއްކަމަށް ނަރީޝް ވިދާޅުވިއެވެ.

މާލޭގައި އެންމެ ކާރުބާރު ބޮޑު މަގުތަކުގައި ހުރި ޕާކިން ޒޯންތައް ނަގައި، ބަސް ދުއްވުމާއި، ބަސް ސްޓޮޕްތައް ހަދަން ފަހިކުރާއިރު، އާންމުންގެ ވެހިކަލްތައް ޕާކު ކުރެވޭނެ ޖާގައެއް ނުދައްކައި އެކަންކުރުމަކީ މައްސަލަތަކެއް ކުރިމަތިވާނެކަމެއްކަމަށް ނަރީޝް ވިދާޅުވިއެވެ. މި މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓްރީއާއި ޕްލޭނިން މިނިސްޓްރީ އަދި ފުލުހުންނާއެކުވެސް މަޝްވަރާތައް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

މިނީ ބަހުގެ ޚިދުމަތް ފެށުމަށް ބޭނުންވާ 36 ބަސް ރާއްޖެ ގެނައީ ހޮނިހިރު ދުވަހުއެވެ. މީގެތެރެއިން 12 ބަސް ބޭނުންކުރާނީ މާލޭގައެވެ. މިނީ ބަހުގެ ޚިދުމަތް ރާވާނީ ކޮންމެ 10 މިނެޓަކުން ސްޓޮޕްތަކަށް މަޑުކުރާގޮތަށެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މާލޭގެ މިނީ މަހުގެ ޚިދުމަތުގެ އަގުތައް ވަރަށްއަވަހަށް އިޢުލާނުކުރާނެކަމަށެވެ. އަދި އެކަމާ ގުޅޭ ޚާއްސަ އެޕްގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އާޒިމް ވިދާޅުވިއެވެ.

ސަރުކާރުން މަސައްކަތް ކުރަނީ މި ޚިދުމަތް ވީހާވެސް ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަށެވެ.