ޚަބަރު

ވިނަރެސް ފްލެޓްތައް ގަތުމަށް ހުޅުވާލައިފި


ވިނަރެސް ހައުސިން މަޝްރޫޢުގެ ފްލެޓުތައް ގަތުމަށް ހުޅުވާލައިފިއެވެ. ފޯމް ހުށައެޅުމަށް ހުޅުވާލާފައިވަނީ 2 މަސް ދުވަހުގެ މުއްދަތެވެ.

ވިނަރެސް ހައުސިން މަޝްރޫޢުގެ ތެރޭގައި ހިމެނެނީ 10 ޓަވަރެވެ. އެއީ 1344 ހައުސިން ޔުނިޓެވެ. މި ޕްރޮޖެކްޓްގައި ހިމެނޭ ހައުސިން ޔުނިޓްތަކުގެ ޢަމަލީ މަސައްކަތްތައް މިހާރުވަނީ މުޅިންހެން ނިމިފައެވެ. މިހާރު ކުރިއަށްދަނީ ބައެއް ޓަވަރުތަކުގެ އެތެރޭގެ ފިނިޝިން މަސައްކަތްތައް އެކަންޏެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިހާރު ވަނީ މި މަޝްރުޢުގެ ފްލެޓްތައް ވިއްކުމަށް ހުޅުވާލާފައެވެ. ފްލެޓްތައް ގަތުމަށް އެދި ފޯމް ހުށައެޅޭނީ އޮންލައިން ޕޯޓަލްއިން، އީ-ފާސް މެދުވެރިކޮށެވެ. ފޯމް ހުށައެޅޭނީ https://my.hdc.com.mv ގައިވާ "ހައުސިން" ލިންކް މެދިވެރިކޮށެވެ.

އޮންލައިން ޕޯޓަލް މެދުވެރިކޮށް 15 ސެޕްޓެމްބަރުގެ، 12:00ގެ ނިޔަލަށް ފޯމް ހުށައެޅޭނެއެވެ.

މިދިޔަ މަހުގެ ތެރޭގައި އެޗްޑީސީން ވަނީ ފްލެޓަށް އެދި ކުރިމަތިލެވޭނެ ޝަރުތަކާއި، ފައިސާ ދެއްކޭނެ ގޮތްތަކުގެ ތަފްސީލް އާންމުކޮށްފައެވެ.

ފްލެޓް ދޫކުރުމުގައި ބަލާ އާއްމު ޝަރުތުތަކުގެ ތެރޭގައި މާލޭގެ ރަށްވެއްސަކަށް ވުމާއި މާލެ ސީޓިން ރިއަލް-އެސްޓޭޓް މާކެޓުން 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް އެމީހާގެ ނަން މަތީގައި ނެތުން ހިމެނެއެވެ.

ހަމައެހެންމެ މައި އެޕްލިކަންޓުގެ ގޮތުގައި ހިމެނޭ ފަރާތުން ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި މާލޭ ސިޓީގައި ދިރިއުޅުމަށް ހޯދާފައިވާ 600 އަކަފޫޓު ނުވަތަ އެއަށްވުރެ ބޮޑު އެއްވެސް ތަނެއް ވިއްކާފައި އޮވެގެންނުވާނެއެވެ. އަދި ވިނަރެސް ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅާ ތާރީޚުގައި މައި އެޕްލިކަންޓް އަދި ކޯ-އެޕްލިކެންޓަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫޢަކުން މީގެ ކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށް ވެގެންނުވާނެއެވެ.

އަދި މަހަކަށް ލިބޭ އާމްދަނީ 61،000އަށްވުރެ އިތުރުވެގެން ނުވާނެއެވެ.

ވިނަރެސް ޕްރޮޖެކްޓަކީ މާލޭގެ ރައްޔިތުންނަށް ޚާއްސަ ޕްރޮޖެކްޓެއްނަމަވެސް، މީގެތެރެއިން 100 ޔުނިޓްވަނީ މާލޭގައި ދިރިއުޅޭ އެހެން ރަށްތަކުގެ މީހުންނަށްވެސް ކުރިމަތިލެވޭގޮތަށް ހުޅުވާލާފައެވެ.

ފޯމާއެކު ހުށައަޅަންޖެހޭ އާންމު ލިޔެކިޔުންތައް

  • އައިޑީ ކާޑު ކޮޕީ
  • ޕާސްޕޯޓް ސައިޒް ފޮޓޯ
  • ފާއިތުވި 1 އަހަރުގެ ބޭންކް ސްޓޭޓްމަންޓް
  • ޕެންޝަން އޮފީހުގައި ރެޖިސްޓްރީވެފައިވާކަމުގެ ލިޔުން
  • އަމިއްލަ ނަމުގައި ބިމެއް / ފްލެޓެއް ވާނަމަ އޭގެ ލިޔެކިޔުން
  • ދަފްތަރުގައި ރެސްޖިސްޓްރީ ވެފައިވާނަމަ ލިޔުމުގެ ކޮޕީ
  • ރަށްވެހިކަން ބަދަލުކޮށްފައިވާނަމަ، ރެޖިސްޓްރީގެ ކޮޕީ
  • މާލެ ސިޓީގައި ދިރިއުޅެފައިވާ މުއްދަތު އަންގައިދޭ ލިޔުން
  • މީގެއިތުރުންވެސް މުސާރައިގެ ތަފްސީލާެި ލިބޭ އާމްދަނީގެ ތަފްސީލް ހުށައެޅުން ހިމެނޭ

ވިނަރެސް ފްލެޓްތަކަކީ 3 ކޮޓަރީގެ ފްލެޓުތަކެވެ. މީގެތެރޭގައި 4 ބާވަތެއްގެ ފްލެޓް ހިމެނެއެވެ. ފްލެޓުތަކުގެ ބޮޑުމިން އުޅެނީ 883 އަކަފޫޓާއި 1395 އަކަފޫޓާ ދެމެދުއެވެ.

ފައިސާ ދެއްކުމުގައި ދެ ގޮތެއް ޚިޔާރުކުރެވޭނެއެވެ. އެއީ އެއްފަހަރާ ފައިސާ ދައްކައިގެން ފްލެޓް ގަތުން ނުވަތަ 20-25އަހަރަށް ބަހާލައިގެން މަހުން މަހަށް ފައިސާ ދައްކާ ނިންމުމެވެ. މިގޮތަށް ފައިސާ ދައްކާއިރު ބޭންކް މެދުވެރިކޮށްވެސް ފައިސާ ދެއްކޭނެއެވެ.

ވިނަރެސް ފްލެޓްގެ އަގު އުޅެނީ 2.52 މިލިއަނާއި 2.59 މިލިއަން ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.

ހިޔާ ޕްރޮޖެކްޓުން ފްލެޓް ދޫކޮށްލި މީހުންނާ، ސީލައިފްއާއި ގުޅީފަޅުން ގޯތި ލިބުނު މީހުންނަށްވެސް މި ޕްރޮޖެކްޓަށް ކުރިމަތިލިވޭނެއެވެ.