ޚަބަރު

"ފާފު އެންމެ ސާފު" ގެ ނަމުގައި ފ.އަތޮޅުގައި ކެމްޕޭނެއް ފަށައިފި


"ފާފު އެންމެ ސާފު" މި ނަމުގައި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމުގެ ކެމްޕޭނެއް ފ.އަތޮޅުގައި ފަށައިފިއެވެ.މިއީ ފ އަތޮޅު ކައުންސިލްގެ އިސް ނެގުމުގެ މަތިން އަތޮޅުގެ 5 ރަށުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ކެމްޕޭނެކެވެ.ސަރުކާރުގެ ސާފު ރާއްޖެ ކެމްޕޭންގެ ދަށުން، ފ އަތޮޅުގެ މީހުން ދިރިއުޅޭ 5 ރަށަށް އަމާޒުކޮށް ފެށި "ފާފު އެންމެ ސާފު" ކެމްޕޭން އިފްތިތާހް ކުރީ މިމަހުގެ 26 އިން 29 ގެ ނިޔަަލަށް ކުރިއަށްގެންދިޔަ ކުނި މެނޭޖްކުރުމާއި ބެހޭ މަހާސިންތާގައެވެ. މި މަހާސިންތާ އަކީ ފ އަތޮޅު ކައުންސިލްގެ އިސް ނެގުމުގެ މަތިން، އަތޮޅުގެ ހުރިހާ ރަށެއްގެ ބައިވެރިވުމާއެކު ކުރިއަށްގެންދިޔަ މަހާސިންތާއެކެވެ. އެގޮތުން ކައުންސިލަރުންނާއި، ސިއްހީ ދާއިރާ އަދި ރަށްރަށުގެ ކަމުވޮށިވެގެންވާ އިސް ފަރާތްތަކުން މަހާސިންތާގައި ބައިވެރިވެފައިވެއެވެ.ފ.އަތޮޅު ކައުންސިލްގެ ރައީސް އަބްދުލް ހަމީދު މުޙައްމަދު ވިދާޅުވީ، ފ އަތޮޅުގައި މީހުން ދިރިއުޅޭ ފަސް ރަށް ކަމުގައިވާ މަގޫދޫ، ނިލަންދޫ، ދަރަނބޫދޫ، ބިލެއްދޫ އަދި ފީއަލި އަކީވެސް ރާއްޖޭގެ ނިސްބަތުން ކުނީގެ މައްސަލަ އިންތިހާއަށް ގޮސްފައިވާ ރަށްތަކެއް ކަމަށެވެ. އަލަށް ފެށިގެންދިޔަ ކެމްޕޭން ކާމިޔާބުވާނީ ކައުންސިލްތަކާއެކު ރައްޔިތުން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.މަހާސިންތާގައި މަޢުލޫމާތު ދެއްވާފައިވަނީ އެންވަޔަރމަންޓް މިނިސްޓްރީއާއި، ހެލްތް މިނިސްޓްރީ އަދި އަމިއްލަ ޖަމްއިއްޔާއެއް ކަމުގައިވާ އިކޯ ކެއަރގެ ފަރާތުންނެވެ. މަހާސިންތާއިން ލިބިގެންދިޔަ މަޢުލޫމާތުތަކުގެ އަލީގައި ބައިވެރިން ތިބީ، "ފާފު އެންމެ ސާފު" ކެމްޕޭނަކީ ނަމޫނާ ކެމްޕޭނަކަށް ހެދުމުގެ އަޒްމުގައެވެ.ފ އަތޮޅުގެ ރަށްތަކުގެ ތެރެއިން ވެރިކަން ކުރާރަށް ނިލަންދޫއަކީވެސް ކުނީގެ މައްސަލަ ވަރަށް ބޮޑު ރަށެއް ކަމަށް އަތޮޅު ކައުންސިލުން ފާހަގަކުރެއވެެ. އެރަށުގައި މިހާރު ކުނި އަޅާ ސަަރަހައްދަކީ އައްސޭރި ކަމަށްވެފައި، ކުނިގޮނޑާ ދިމާލުން މަސް ހިފައިގެން ކެއުންފަދަ ކަންތައްތައް ކުރާތަން ފެންނަމުންދާތީ އެ ކައުންސިލާއި މަހާސިންތާގައި ބައިވެރިވި ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.ނިލަންދޫގައި މިއަހަރުގެ ތެރޭގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ހެދުމަށް ތައްޔާރުވަމުންދާ ކަމަށްވެސް އަތޮޅު ކައުންސިލުން ވިދާޅުވެއެވެ. މިހާރު ކުރިއަށްދަނީ ވޭސްޓް މެނޭޖްމަންޓް ސެންޓަރު ހެދުމަށް ބޭނުންވާ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތެވެ.