ވިޔަފާރި

އަންނަ އަހަރުގެ ނިޔަލަށް އިތުރު 12 އައިސްޕްލާންޓް ބަހައްޓަނީ


މިއަހަރާއި އަންނަ އަހަރު ރާއްޖޭގެ އެކި ހިސާބުތަކުގައި 12 އައިސްޕްލާންޓް ހުޅުވުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވެއްޖެއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މީގެތެރޭގައި މިހާރު މަސައްކަތް ކުރިއަށްދާ އައިސްޕްލާންޓްތަކާއި ބަޖެޓް މަރުހަލާގައިވާ އައިސްޕްލާންޓްތަކާއި އަދި އިވެލުއޭޝަންގެ މަރުހަލާގައި ހުރި އައިސްޕްލާންޓްތައްވެސް ހިމެނޭކަމަށެވެ.

މަސްވެރިންނަށް ފަސޭހަކަމާއެކު އައިސްލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އައިސްޕްލާންޓްތައް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. މިފްކޯއިން އަތޮޅުތެރޭގައި މިހާރުވެސް އަންނަނީ 20 އައިސްޕްލާންޓް ހިންގަމުންނެވެ.

މި 20 އައިސްޕްލާންޓުން ދުވާލެއްގެ މައްޗަށް 825 ޓަނުގެ އައިސް އުފައްދައެވެ. އެހެން ނަމަވެސް ރަނގަޅު މަސްވެރިކަމެއްގައި، މަސްވެރިން ބޭނުންވާ ވަރަށް އައިސް ފޯރުކޮށްދިނުމަށް ގޮންޖެހުންތަކާއި ކުރިމަތިވެއެވެ. މިކަމަށް ހައްލު ހޯދުމަށް އިތުރު އައިސްޕްލާންޓުތައް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މިއަހަރާއި އަންނަ އަހަރު އިތުރު 12 އައިސްޕްލާންޓް ހުޅުވިގެންދާނެކަމަށެވެ. މި އައިސްޕްލާންޓްތަކުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި 12 އައިސްޕްލާންޓް ޤާއިމްކުރާ ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ. ދިއްދޫ، ށ. ކޮމަންޑޫ، އއ. ރަސްދޫ، ދ. މީދޫ، މ. މުލައް، ގއ. ގެމަނަފުއްޓެވެ. މީގެއިތުރުން ލ. މާމެންދޫ، ލ. މާބައިދޫ، ގދ. މަޑަވެލި، ގދ. ރަތަފަންދޫ، ގދ. ފިޔޯރީ އަދި ގދ. ގައްދޫއެވެ.

މި 12 އައިސްޕްލާންޓްގެ ތެރެއިން މ. މުލައް އައިސްޕްލާންޓާއި، ގއ. ގެމަނަފުށި ގދ. ގައްދޫ އައިސްޕްލާންޓަކީ 50 ޓަނުގެ އައިސްޕްލާންޓްތަކެކެވެ. ދެން ބާކީހުރި ހުރި އައިސްޕްލާންޓްތަކަކީވެސް 25 ޓަނުގެ އައިސްޕްލާންޓްތަކެއްކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

މި އައިސްޕްލާންޓްތަކުގެ ތެރެއިން 5 އައިސްޕްލާންޓް ވަނީ ކޮންޓްރެކްޓް ކޮށްފައެވެ. އަދި 5 އައިސްޕްލާންޓް އިވެލުއޭޝަންގައި ހުރިއިރު، 2 އައިސްޕްލާންޓަށް ބަޖެޓް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ސަރުކާރުން މަސައްކަތްކުރަމުންދިޔަ އައިސް ޕްލާންޓްތަކުގެ ތެރެއިން އެންމެ ފަހުން މަސައްކަތް ނިންމާފައިވާ އައިސް ޕްލާންޓަކީ ފ. ފީއަލި އައިސްޕްލާންޓެވެ. މިތަނުގެ މަސައްކަތް މިދިޔަ މަހު ވަނީ ނިންމާފައެވެ.

މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅުވައިގެންވެސް ސަރުކާރުން ވަނީ 4 އައިސްޕްލާންޓެއް ހުޅުވާފައެވެ. އޭގެތެރޭގައި ހިމެނެނީ ރ. މަޑުއްވަރީ، ކ. ގާފަރު، ހއ. ހޯރަފުށި އަދި ފެލިވަރެވެ. މީގެތެރެއިން ފެލިވަރު އައިސްޕްލާންޓް ފިޔަވައި ދެންހުރި ހުރިހާ އައިސްޕްލާންޓަކީ 25 ޓަނުގެ އައިސްޕްލާންޓެވެ. ފެލިވަރު އައިސްޕްލާންޓަކީ 50 ޓަނުގެ އައިސްޕްލާންޓެކެވެ.

މަސްވެރިން އައިސް ޕްލާންޓުތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ލޮނު ފެނުން މަސް ފިނިކުރާ ނިޒާމްތައް ދޯނިތަކުގައި ހަރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އެގޮތުން މިހާރުވެސް ރާއްޖޭގައި ބައެއް މަސް ދޯނިތަކުގައި މި ނިޒާމު ވަނީ ޤާއިމްކޮށްފައެވެ.