ޚަބަރު

މިނިވަންދުވަހު ހޯރަފުށީ މަގުތަކުގައި ތާރުއަޅަން ފަށަނީ


ހއ. ހޯރަފުށީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މިއަހަރުގެ މިނިވަންދުވަހު ރަސްމީ ގޮތުން ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

ހއ.ހޯރަފުށީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ މިދިޔަ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުއެވެ.

އެމްޓީސީސީން ވިދާޅުވީ ހޯރަފުށީގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން މަގުތައް އެއްވަރު ކުރުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަކަމަށްވެ. އަދި މިހާރު ތާރުއެޅުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ވިދާޅުވީ އެރަށު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތުގައި ފުރަތަމަ ފިޔަވަހީގައި ޖުމުލަ 11 މަގެއްގައި ތަރުއެޅުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ތާރުއެޅުމުގެ މަސައްކަތް މިމަހުގެ 26 ވަނަދުވަހު އަމަލީ ގޮތުން ފެށުމަށްޓަކައި ތައްޔާރުވަމުން އަންނަކަމަށެވެ. އޭނާ ވިދާޅުވީ މަގުތަކުގައި ގަސްއިންދަންވީ ތަންތަން ކަނޑައަޅާ ބިމުއަޑީގައި ވަޅުލާންޖެހޭ ހޮޅިތައް ވަޅުލާ ނިންމަ މަގުތައް އެއްވަރު ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ..

ރައީސް އިބްރާހިމް މުޙައްމަދު ޞާލިހްގެ ސަރުކާރުން އެރަށުގައި ތައްރައްޤީގެ އެތަކެއް މަޝްރޫޢޫތަކެއް ކުރިއަށްގެންދާކަން ފާހަގަކުރައްވާ މިހާރު މަގުތައް އޮތްގޮތުން އެ މަޝްރޫޢޫތަކުގެ މަސައްކަތް ކުރުމަށް ގެންގޮސްފައިވާ ހެވީ ވެހިކަލްތައް ދުއްވުމަށްވެސް ދަތިތަކާ ކުރިމަތިލާންޖެހޭކަމަށެވެ.

އެހެންރަށްތަކެކޭ އެއްފަދައިން ހޯރަފުށީގެ މަގުތަކަކީވެސް ވާރޭވެހިއްޖެނަމަ ފަސޭހައިން ފެންބޮޑުވެ ޗަކަ އުފެދޭ މަގުތަކެއް އޮތްރަށެކެވެ. ރަށުގެ މަގުތައް ބޭނުންކުރަން ޖެހެނީ އަޑިގުދަންތަކަށް ފަސްއަޅާ އެއްވަރުކޮށްގެންނެވެ. އަދި އަޑިގުދަންތައް ހުރުމުގެ ސަބަބުން ދުއްވާތަކެއްޗަށް އެތަކެއް ދަތުތަކާ ކުރިމަތިލާންޖެހޭކަން އެރަށު ކައުންސިލުން ފާހަގަކުރައްވައެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހޯރަފުށީގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އެމްޓީސީސީއާއި ޙަވާލުކޮށްފައިވަނީ 16 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. ހޯރަފުށީގެ ބޮޑު މަގުތައް ހިމެނޭހެން 5.3 ކީލޯމީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މަގުތަކުގައި ބައްތި ޖެހުމާއި ފެންހިންދާ ނިޒާމު ޤާއިމުކުރުމަށްވެސްވަނީ ހަމަޖެހިފައެވެ. ޕްލޭނިންގ މިނިސްޓްރީން މިމަސައްކަތް އެމްޓީސީސީއާއި ޙަވާލުކޮށްފައިވަނީ 71.9 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.