ތަޢުލީމު

އެމް.އައި.ޓީގެ 2015 ވަނަ އަހަރުގެ ދަސްވެނީންނަށް ސެޓްފިކެޓް ދީފި


މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީން މިދިޔަ އަހަރު ހިންގި އެކި ކޯސްތަކުގެ ދަސްވެނީންނަށް ސެޓްފިކެޓް ދީފިއެވެ.މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ - އެމް.އައި.ޓީއިން މިދިޔަ އަހަރު ހިންގި އެކި ކޯސްތަކުން 403 ދަރިވަރުން ދަސްވެނިވެފައިވެއެވެ.ގަލޮޅު މަދަރުސާގައި ބޭއްވި އެމް.އައި.ޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢުއެވެ.މި ރަސްމިއްޔާތުގައި ޝަފީޢު ދެއްކެވި ވާހަކަފުޅުގައި، ޤައުމުގެ ކުރިއެރުމަށް އެކި ދާއިރާތަކުން ތަމްރީނުވެފައިވާ މީހުންގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ތަމްރީނު ހޯދުމުގެ ފުރުޞަތުތައް މަދުކަން ފާހަގަކުރައްވާ ޝަފީޢުވަނީ، ތަޢުލީމީ ނިޒާމުގެ ދަށުން އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް ސަރުކާރުން އިސަކަންދެއްވާކަމަށް ވިދާޅުވެ، ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ. ޝަފީޢު ވަނީ ރާއްޖޭގައި ޒުވާނުންނަށް އެކަށީގެންވާ ވަރަށް ވަޒީފާ ހުރިކަންވެސް ފާހަގަކުރައްވާފައެވެ.އެމް.އައި.ޓީ އަކީ 2005 ވަނަ އަހަރުން ފެށިގެން އެކި ދާއިރާތަކުން ތަމްރީނު ދިނުމުގެ ޕްރޮގްރާމްތައް ހިންގަމުން އަންނަ މަރުކަޒެކެވެ.އެމްއައިޓީން ހިންގާ ތަމްރީނު ޕްރޮގްރާމްތައް ރާއްޖެއާއި އަތޮޅުތެރޭގައިވެސްދަނީ ހިންގަމުންނެވެ. އެ އިންސްޓިޓިއުޓްއިން ސެޓްފިކެޓް ލެވެލްއާއި، ޑިޕްލޮމާ ލެވެލް ކޯސްތައްވެސް ކުރިއަށްގެންދެއެވެ. މިހާރުވެސް އެ އިންސްޓިޓިއުޓުން 4 ޕްރޮގްރާމެއް ކުރިއަށް އެބަގެންދެއެވެ. އަދި މި އަހަރުތެރޭގައި، ރ އަތޮޅުގައި ކެމްޕަހެއް ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އެ އިންސްޓިޓިއުޓުން މަޢުލޫމާތުދެއެވެ.