ރިޕޯޓް

4 ރޭގެ އަނދިރިކަމަށްފަހު ތިނަދޫ ރައްޔިތުންނަށް ހިތްހަމަ ޖެހުމެއް


ހަތަރު ރޭގެ އަނދިރިކަމުގައި ތިބުމަށްފަހު ތިނަދޫގެ ގޭގެއަށް ކަރަންޓު ލިބިމުން މާޔޫސްވެފައިވާ ރައްޔިތުންގެ ހިތްތަކަށް މިރޭ މިވަނީ ހަމަޖެހުން ލިބިގެންގޮސްފައެވެ.ފާއިތުވެގެންދިޔަ ހަތަރުރޭވެސް ތިނަދޫގެ ގޭގޭގައި ކަރަންޓް ނެތުމުން ރަށުގެ ރައްޔިތުންނަށް ބޮޑެތި ދަތިތަކަކާއި ކުރިމަތިވިއެވެ. އެފަރާތްތަކުގެ އެންމެބޮޑު ކަންބޮޑުވަކީ، ކުޑަ ދަރިން ގެންގުޅުމުގައި އެކުދިންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށް ނުދެވުމެވެ. އެކަންބޮޑުވުންތަކަށް ހައްލުލިބޭނެ އިރަކަށް މަންމައިންނާއި، ކުޑަކުދިންވެސް ދިޔައީއިންތިޒާރުކުރަމުންނެވެ.ކޮންމެ އަކަސް މިރޭމިވަނީ، ކަރަންޓްގެ ނެތުމުގެ ސަބަބުން ކުރަންޖެހުނު ދިގުއިންތިޒާރަށް ނިމުމެއް އައިސްފައެވެ. މިކަން އެ ރަށުގެ ރައްޔިތުންވެސް ބަލައިގަންނަނީ ޝުކުރުވެރިކަމާއި އުފަލާއެކުގައެވެ.ދެކުނުން އެންމެ އާބާދީ ބޮޑު، ތަރައްޤީގެ ގޮތުންވެސް ބޮޑެތިކުރިއެރުންތަކެއް ލިބިފައިވާ އެއްރަށްކަމައްވާ ތިނަދޫގެ ރަށުތެރެއާ މަގުމަތިން މިދިޔަ ހަތަރުވަރަކަށް ދުވަހު ކަރަންޓް ނެތުމުގެ ސަބަބުން ފަޅުކަން ފެންނަމުންދިޔަނަމަވެސް، މިހާރުމިވަނީ ކުރިން މަގުތަކުން ފެންނަމުންދިޔަ އަލިތައް އަލުން ފެންނަން ފަށާފައެވެ.ބަންދުކޮށްފައިވާ ފިހާރަތަކާއި، ރެސްޓޯރަންޓްތަށްވެސް އަލުންވަނީ ހުޅުވާފައެވެ. އަދި މިހާރު މަގުތައްވެސް ފެންނަމުންދަނީ ކުރިއެކޭ އެއްގޮތަށް ހަލަބޮލިކޮށެވެ. ރަށުގެ އާންމު ދިރިއުޅުން މިވަނީ ކުރީގެ ހާލަތަށް ބަދަލުވެފައެވެ.