ޚަބަރު

ގޮތަބަޔާ ރާއްޖެ ވަޑައިގަތުމުގެ ހުއްދަދިނީ ލަންކާ ސަރުކާރުން އެދުމުން: ފޮރިން މިނިސްޓްރީ


ސްރީލަންކާގެ ރައީސްކަމުން އިއްޔެ އިސްތިޢުފާދެއްވި ގޮތަބަޔާ ރާޖަޕަކްސަ އަސްކަރީ މަތިންދާބޯޓެއްގައި ރާއްޖެވަޑައިގަތުމުގެ ހުއްދަދެއްވީ، ސްރީލަންކާ ސަރުކާރުން އެކަމަށް ރަސްމީކޮށް އެދުމުންކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ސްރީލަންކާގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަމުންދަނިކޮށް އެ ޤައުމުގެ ރައީސްގެ މަގާމުގައި އޭރު ހުންނެވި ގޮތަބަޔާ ރާޖަޕަކްސައާއި އަނބިކަނބަލުން ޤައުމު ދޫކުރައްވައި، ރާއްޖެ ވަޑައިގެންނެވީ މިދިޔަ އަންގާރުދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. އަދި ރާއްޖޭގައި އެއް ދުވަސް ހޭދަކުރެއްވުމަށްފަހު، އޭނާ މިހާރު ހުންނެވީ ސިންގަޕޫރުގައެވެ.

މިކަމާއި ގުޅިގެން ދިވެހި ހަރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ގޮތަބަޔާއާއި އޭނާގެ އަނބިކަނބަލުން ރާއްޖެ ވަޑައިގެންނެވީ ޓްރާންސިޓް ދަތުރެއްގައިކަމަށެވެ. އަދި ގޮތަބަޔާ ދަތުރުކުރެއްވި އަސްކަރީ މަތިންދާބޯޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖެއްސުމަށް ޑިޕްލޮމެޓިކް ކްލިއަރެންސް ދީފައިވަނީ ލަންކާ ސަރުކާރުން ރަސްމީކޮށް އެކަމަށް އެދުމުންކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ގޮތަބަޔާ ޤައުމު ދޫކުރެއްވީ އެޤައުމުގެ އިޤްތިޞާދު ބަގްރޫޓްވެ ކުރިމަތިވެފައިވާ އިޤްތިޞާދީ ކާރިސާއާ ގުޅިގެން މީހުން މަގުތަކަށް ނުކުމެ މުޒާހަރާކޮށް އެންމެފަހުން ރައީސް ދިރިއުޅުއްވާ ގަނޑުވަރަށް ވަދެފައިވަނިކޮށެވެ. އަދި ސިންގަޕޫރަށް ވަޑައިގެންނެވުމަށްފަހު ރައީސްކަމުގެ މަޤާމުން އިސްތިޢުފާ ދެއްވިކަން ޤާނޫނު ހަދާ މަޖިލީހުގެ ރައީސަށް ގޮތަބަޔާ އަންގަވާފައި ވަނީ އީމެއިލް މެދުވެރިކޮށް ފޮނުއްވި ސިޓީއަކުންނެވެ.

ސްރީލަންކާގެ އެއަރފޯސްއިން ބުނެފައިވަނީ އެއަރ ފޯސް ޖެޓެއްގައި ގޮތަބަޔާ ޤައުމުން ބޭރަށް ދަތުރުފުޅުކުރައްވާފައި ވަނީ އެ ޤައުމުގެ ކަމާއިބެހޭ ހުރިހާ އިދާރާތަކުން ނަގަންޖެހޭ ހުއްދަތަކެއް ފުރިހަމަކުރުމަށްފަހުކަމުގައެވެ. ލަންކާ ސަރުކާރުގެ އޮފިޝަލަކާ ޙަވާލާދީ ބޭރުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުގައި ސަޢުދީ އެއަރލައިންގައި ސިންގަޕޫރުމަގުން ސަޢުދީ ޢަރަބިއްޔާގެ ޖިއްދާއަށް ގޮތަބަޔާ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ގޮތަބަޔާ ސިންގަޕޫރަށް ވަޑައިގަންނަވާފައިވާކަން މީޑިއާތަކުން ރިޕޯޓު ކުރުމުން އެ ޤައުމުގެ ސަރުކާރުން ވަނީ ބަޔާނެއް ނެރެފައެވެ. އަދި ބަޔާނުގައި ބުނެފައި ވަނީ ގޮތަބަޔާ އަމިއްލަ ދަތުރުފުޅެއްގައި އެ ޤައުމަށް ވަޑައިގަންނަވާފައިވާ ކަމުގައެވެ. އަދި، ސިންގަޕޫރުގެ ހިމާޔަތަށް އޭނާ އެދިވަޑައިގަންނަވާފައިނުވާ ކަމަށާއި، މި ގޮތަށް އެއްވެސް މީހަކަށް ހިމާޔަތް ދިނުމަކީ ސިންގަޕޫރުން އަމަލުކޮށްއުޅޭ ގޮތް ނޫން ކަމުގައި ވެސް އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ.