ޚަބަރު

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ދެ މީހަކު ހައްޔަރުކޮށްފި


މަސްތުވާތަކެތީގެ ދެ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މި 2 މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.

ފުލުހުން ވިދާޅުވީ، މި ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ ފޭދޫއިންކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އެ ރަށުގައި މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައިކަމަށް ފުލުހުން ވިދާޅުވިއެވެ.

ގަން ޕޮލިސް ސްޓޭޝަނުން މިމަހުގެ 13 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވުމުގެ ސަބަބުންކަމަށް ފުލުހުން ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ދެވަނަ މީހާއަކީ، މިމަހުގެ 12 ވަނަ ދުވަހު ނ. ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަނުން ރަށުތެރެ ޕެޓްރޯލް ކުރުމުގެ ތެރޭގައި ހައްޔަރުކޮށްފައިވާ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ފެނުމުން އޭނާ އެއްލައިލި ރަބަރު ޕެކެޓެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ނުވަ ކަރުދާސްކޮޅު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި ދެ މައްސަލަވެސް މިހާރު ތަހުގީގު ކުރަމުން ގެންދާކަމަށެވެ.