ޚަބަރު

ކުޑަގިރި ޕިކްނިކް އައިލެންޑް: އައިލާއާއެކު ހިތްގައިމު ތަޖުރިބާއެއް ކޮށްލެވޭނެ


މާލެއިން ފުރައިގެން އެންމެ 15 މިނެޓުން ދެވޭހާ ކައިރީގައި އޮންނަ ކުޑަގިރި ޕިކްނިކް އައިލެންޑްއަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރުގޮސް ހިތްހަމަޖައްސާލުމަށްޓަކައި، ސަރުކާރުން ތަރައްޤީ ކުރަމުން އަންނަ ޕިކްނިކް އައިލެންޑެކެވެ.

ސަރުކާރުން ތަރައްޤީކުރަން ފަށާފައިވާ ކުޑަގިރި ޕިކްނިކް އައިލެންޑް މިމަހުގެ ތެރޭގައި ޢާއްމުނަށް ބޭނުންކުރުމަށް ހުޅުވާލުމަށް މަސައްކަތް ކުރައްމުންދާކަމަށް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ. ސަރުކާރުގެ ކުންފުނިތަކާއި ގުޅިގެން ތަރައްޤީ ކުރަމުން އަންނަ ކުޑަގިރި ޕިކްނިކް އައިލެންޑްގެ މާސްޓަރ ޕްލޭން ތައްޔާރުކޮށްފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)އިންނެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑުގެ މަސައްކަތް ނިންމާ އާންމުންނަށް ބޭނުންކުރަން ހުޅުވާލުމަށްޓަކާ ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ކުންފުނިތައް ގުޅިގެން ކުރަމުންދާއިރު، މިކަމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް ކުންފުންޏަކީ އެޗް.ޑީ.ސީއެވެ. އެގޮތުން އެޗް.ޑީ.ސީގެ މުވައްޒަފުންނާއި، މެނޭޖްމަންޓުގެ އިސްވެރިންވެސް އަންނަނީ މިކަމުގައި އަވަދިނެތި ހަރަކާތްތެރިވަމުންނެވެ.

އަޟްޙާ ޢީދުގެ ބަންދުތެރޭގައި އެޗް.ޑީ.ސީގެ ގިނަ މުވައްޒަފުން ވަގުތު ހޭދަކޮށްފައިވަނީ ކުޑަގިރީގެ އެކި މަސައްކަތްތަކުގައެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އެޗް.ޑީ.ސީގެ ޕްރޮޖެކްޓް މެނޭޖަރ އިސްމާއިލް ނިލާމް ވިދާޅުވީ، އެޗް.ޑީ.ސީގެ ފަރާތުން މިވަގުތު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި 2 ފާޚަނާ ބަރިއަކާއި، 2 އިމާރާތެއްގައި ޗޭންޖިންގ ރޫމްއާއި، ނާސިންގ ރޫމުގެ މަސައްކަތް ހިމެނޭކަމަށެވެ. މި ނާސިންގ ރޫމްތައް ޤާއިމްކުރެވިގެންދާނީ ކުޑަކުދިންގެ ނެޕީ ބަދަލުކޮށް، ތުއްތުކުދިންނަށް ގާތުންދިނުން ފަދަ ކަންކަން ފަސޭހައިން ކުރެވޭނެފަދަ އިންތިޒާމްތަކާއެކުކަމަށް ނިލާމް ވިދާޅުވިއެވެ.

މި ރަށުގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްވެސް ފާޚަނާ ބަރިއެއް ހެދިގެންދާނެކަމަށް ނިލާމް ވިދާޅުވިއެވެ. އަދި ދަތުރު އަންނަ ފަރާތްތަކުން ބޭނުންކުރުމަށްޓަކައި ހަޓްތައް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. މި މަސައްކަތުގެ ތެރެއިން ހަޓްތައް ރޭނުމުގެ މަސައްކަތާއި، ސިމެންތިޖެހުމުގެ މަސައްކަތުގެ އިތުރުން ފުރާޅު އެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށް ނިލާމް ވިދާޅުވިއެވެ.

"ކުޑަގިރީގަ މިވަގުތު އެޗްޑީސީގެ ފަރާތުން އަޅަމުން އަންނަނީ އަޅުގަނޑުމެންގެ ޓީމްތަކުން 15 ކުދި ހަޓްތަކާއި އަދި 5 ބޮޑެތި ހަޓް. ބޮޑެތި ހަޓްތައް ގާތްގަނޑަކަށް 5 ވަރަކަށް އާއިލާތަކަށް އެއްފަހަރާ އައިސް ބޭނުންކޮށްލެވޭނެ. ކުޑަ ހަޓްތައް 2 އާއިލާއަކުން އައިސް ބޭނުންކޮށްލެވޭނެ. އަޅުގަނޑުމެން މި އުންމީދުކުރަނި ހަމަ މިމަސްތެރޭ ރަށް ހުޅުވިގެންދާއިރު އެޗްޑީސީގެ ފަރާތުން ކުރަމުން އަންނަ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލެވޭނެ ކަމަށް" ނިލާމް ވިދާޅުވިއެވެ.

އެޗް.ޑީ.ސީން ކުޑަގިރި ތަރައްޤީކުރުމުގެ މާސްޓަރ ޕްލޭންގެ ދަށުން ރަށް ފެހިކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން މި ޕްރޮޖެކްޓްގެ ދަށުން މުޅި ރަށުގެ ހޭޅިފަށާ ރަށުގެ އެތެރޭގެ ބޮޑެތި ގަސްތަކާއި ކުދި ގަސްތައް ހިމެނޭގޮތަށް ގަސް އިންދާ ފެހި ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި މިހާރު ރަށުގެ ބޮޑު ބައެއްގައި ރުކާއި ހޭޅިފަށުގައި ހެދޭ ގަސްތައް ވަނީ އިންދާފައެވެ.

އެޗް.ޑީ.ސީގެ ސީނިއަރ ބިލްޑިންގ ސަރވިސަސް އިންޖިނިއަރ މުހައްމަދު ޔަމީން ވިދާޅުވީ، މާސްޓަރ ޕްލޭންގެ ދަށުން ޔުޓިލިޓީ ޚިދުމަތްތައް ޤާއިމްކުރުމުގެ މަސައްކަތް އެސްއޯއީ ތަކާއި ގުޅިގެން ކުރެވިފައިވާނެކަމަށެވެ. އޭގެ ތެރޭގައި ފެނާއި ނަރުދަމާއާއި، ކަރަންޓުގެ އިތުރުން އިންޖީނުގޭ އާރޯ ޕްލާންޓްގެ މަސައްކަތް ކޮށްފައިވާނެކަމަށް ޔަމީން ވިދާޅުވިއެވެ. އަދި ރަށުގައި ކުނި މެނޭޖްކުރުމުގެ ގޮތުންވެސް ޕްލޭނެއް ރާވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވޭސްޓް މެނޭޖްމަންޓް ޕްލޭނެއްވެސް ހަދާ ކުނި މެނޭޖްކުރާނެ ގޮތާއި، ކުނި ނަގާނެ ތަންތަނާއި ކުނި ބަހައްޓާނެ ގޮތާއި ކުނި ރަށުން ބޭރުކުރާނެގޮތާއި މިކަހަލަ ޕްލޭންތަކަކަށްވެސް ވޯކް ކުރެވިފައި ހުންނާނެ އެސްއޯއީތަކާއި ސަރުކާރުގެ އޮތޯރިޓީތަކާ ގުޅިގެން. ދެން ރަށުގެ ލައިޓިންވެސް އަޅުގަނޑުމެން މާސްޓަރ ޕްލޭންގައ ޑިވެލޮޕްކޮށް އޭގެ އިތުރުން ލައިފް ގާޑް ހަޓްތަކުގައ ސާޗް ލައިޓް ލުން ކަހަލަ ކަންތައްތައް ކުރެވިފަ ހުންނާނި" ޔަމީން ވިދާޅުވިއެވެ.

މީގެ އިތުރުން އެމް.އެން.ޑީ.އެފްއާ ގުޅިގެން އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ޕްލޭންއާއި ޑިޒާސްޓާރ މެނޭޖްމަންޓް ޕްލޭންވެސް ޑިޒައިން ކޮށްފައިވާނެކަމަށް ޔަމީން ވިދާޅުވިއެވެ. އަދި ސްމާޓް އިންފްރާސްޓްރަކްޗަރ ޓީމާއި ގުޅިގެން ޓެލެ ކޮމިއުނިކޭޝަން ކޮމްޕޯނެންޓްތައް ޤާއިމްކުރުންވެސް ކުރިއަށް ގެންގޮސްފައިވާނެކަމަށް އޭނާ ފާހަގަކުރިއެވެ.

މާލޭގައި ދިރިއުޅޭ މީހުން ދަތުރުދިއުމަށް އެންމެ ކުރީއްސުރެ ބޭނުން ކުރަމުން އައިސްފައި ވަނީ ކުޑަ ބަނޑޮހެވެ. ނަމަވެސް ރިސޯޓެއް ހެދުމަށް އެރަށް ބަންދުކޮށްފައިވަނީ 2013 ވަނަ އަހަރުއެވެ. ކުޑަބަނޑޮހަށް ދަތުރުދިއުން ޢާއްމުންނަށް ބަންދުވުމާއެކު މާލޭގައި ދިރިއުޅޭ މީހުން ހިތްހަމަ ޖައްސާލައި ދަތުރުދިޔުމަށް އޮތް ހަމައެކަނި ފުރުސަތު ވަނީ ބަންދުވެފައެވެ. މިހާރު ގިނަ ބަޔަކު އާއިލާއާއެކު މޫދަށްގޮސްލާ ހަދަން ބޭނުންވާނަމަ ދާންޖެހެނީ ހުޅުމާލެ ނުވަތަ ވިލިމާލެއަށެވެ. ނޫނީ ފިނޮޅުތަކަށެވެ.

އެހެންނަމަވެސް މިހާރު ތަރައްޤީ ކުރަމުން އަންނަ ކުޑަގިރި ޕިކްނިކް އައިލެންޑާއިއެކު މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން ހިތްހަމަޖައްސާލުމަށް ދަތުރުދާނެ ރަށެއް ނެތުމުގެ ޝަކުވާއަށް ނިމުމެއް އަންނާނެއެވެ. ކުޑަގިރީގެ މަސައްކަތް ނިމިގެންދާއިރު، އާއިލާއާއެކު ދަތުރުގޮސްލާ، ހިތްހަމަޖައްސާލުމަށް ވަރަށް ހިތްގައިމު މަންޒިލަކަށް މިތަން ވެގެންދާނެކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ.