ޚަބަރު

ފުރަތަމަ ކަރަންޓް ފޯރުކޮށްދޭނީ ތިނަދޫގެ ގެތަކަށް- ފެނަކަ


ކަނޑުމަގުން ގދ. ތިނަދޫއަށް ކަރަންޓު ފޯރުކޮށްދިނުމަށް މިއަދު އިންސްޓޯލްކުރާ ދެ ޖަނަރޭޓަރުން ފުރަތަމަ ކަރަންޓު ފޯރުކޮށްދޭނީ، ތިނަދޫގެ ގެތަކަށްކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކުރައްވައިފިއެވެ. ތިނަދޫގެ ރައްޔިތުންނަށް ކަރަންޓު ފޯރުކޮށްދިނުމަށް ގެނެސްފައި ވަނީ އެއް މެގަވޯޓުގެ 2 ޖަނެރޭޓަރެވެ. ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ކުރިން މުޅިރަށަށް ދޫކުރަމުންދިޔައީ 1380 ކިލޯގެ ކަރަންޓެވެ. ނަމަވެސް މިއަދު އިންސްޓޯލްކުރާ ދެ ޖަނަރޭޓަރުން އުފެއްދެނީ 1350 ކިލޯގެ ކަރަންޓެވެ. ތިނަދޫއަށް ކަރަންޓު ފޯރުކޮށްދިނުމަށް ކުރައްވާ އެންމެ ފަހުގެ މަސައްކަތްތައް ޕީއެސްއެމާއި ހިއްސާކުރައްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނިމާލް ވިދާޅުވީ، މިއަދު ކަރަންޓު ދޫކުރުމާއިއެކު ހުރިހާ ގޭބީސީތަކަށްވެސް ކަރަންޓް ލިބިގެންދާނޭކަމަށެވެ. ކަރަންޓު ކެނޑުމާއި އެކު މިރަށުގެ ހުރިހާ މުހިންމު މުއައްސަސާތަކަށް ވަކިވަކި ޖަނެރޭޓަރު ބޭނުންކޮށްގެން ކަރަންޓު ދޫކޮށްފައި ވުމާއިއެކު އެ ޖަނެރޭޓަރުތައް އެތަންތަނުން ނެގުމުގެ ވިސްނުމެއް އަދި ނުގެންގުޅުއްވާކަމަށް ނިމާލް ވިދާޅުވިއެވެ. މިހާރު ކަރަންޓު ފޯރުކޮށްދޭ މުހިންމު މުއައްސަސާތަކުގެ ތެރޭގައި ބީއެމްއެލް ތިނަދޫ ބްރާންޗާއި، ސްކޫލްތަކާއި، ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއްގެ އިތުރުން މިސްކިތާއި ހޮސްޕިޓަލް ހިމެނެއެވެ. އެ ޖަނަރޭޓަރުތައް އެތަންތަނުން ނަންގަވާނީ، މާދަމާ އިރުއޮއްސުމުގެ ކުރިން އަލަށް ގެނެވޭ 1.4 މެގަވޯޓުގެ ޖަނެރޭޓަރު ބޭނުންކޮށްގެން ކަމަށް ނިމާލް ވިދާޅުވިއެވެ. މިއަދު ހަވީރުން ފެށިގެން މެދުނުކެނޑި މުޅި ތިނަދޫއަށް ކަރަންޓުގެ ޚިދުމަތް ލިބިގެންދާނެކަމުގެ ޔަޤީންކަން ނިމާލް ދެއްވިއެވެ. ތިނަދޫގެ ގެތަކަށް ކަރަންޓު ފޯރުކޮށްދިނުން އިފްތިތާހް ކޮށްދެއްވާނީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރެވެ. މިނިސްޓަރ މިއަދު ހަވީރު ތިނަދުއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓު ސެންޓަރުގެ އިސް ފަރާތްތައްވެސް މިއަދު މިރަށަށް ވަޑައިގެން އެމެޖެންސީ އޮޕަރޭޝަން ސެންޓަރާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނިމާލް ވިދާޅުވީ، ކުއްލިއަކަށް ދިމާވާ ކަރަންޓުގެ މިފަދަ ހާދިސާތަކުގައި ކަރަންޓު ފޯރުކޮށްދިނުމަށް ވަރަށް ބޮޑު ޚަރަދެއް ހިނގާކަމަށެވެ. ނަމަވެސް މިވަގުތު ހިނގާ ޚަރަދަށްވުރެ ބޮޑަށް އިސްކަންދެއްވީ ރައްޔިތުންނަށް ޚިދުމަށް ފޯރުކޮށްދިނުމަށް ކަމަށް ނިމާލް ވިދާޅުވިއެވެ. ކަރަންޓު ނެތި ހޭދަވި ހަތަރު ދުވަހުގައި ތިނަދޫގެ ރައްޔިތުންގެ ފަރާތުން ފެނިގެންދިޔަ ކެތްތެރިކަން ފެނަކަ ކޯޕަރޭޝަނުން ފާހަގަކުރެއެވެ. ތިނަދޫ އިންޖީނުގޭގައި މިދިޔަ އަންގާރަ ވިލޭރޭ ހިނގި އަލިފާނުގެ ހާދިސާގެ ގެއްލުން 22 މިލިއަނަށް ވުރެ މައްޗަށް އަރާކަމަށް ފެނަކަ ކޯޕަރޭޝަނުން ލަފާކުރައްވައެވެ. އަދި ދާއިމީ އިންފްރާސްޓްރަކްޗާއަކާއި އެކު އިންޖީނުގެ ޤާއިމްކުރުމަށް 35 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ޚަރަދެއް ހިނގާނެކަމަށް އެކޯޕަރޭޝަނުން އަންދާޒާކުރައްވައެވެ.