ޚަބަރު

ދިވެހިންނަށް އިންޑިއާއިން މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމާގުޅޭގޮތުން މަޝްވަރާކޮށްފި


ދިވެހިންނަށް އިންޑިއާއިން މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމާގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކޮށްފައިވަނީ ރާއްޖޭގެ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ދަނީ އިންޑިއާގައި މަތީ ތަޢުލީމު ފޯރުކޮށްދޭ ތަފާތު އިންސްޓިޓިއުޓްތަކަށް ޒިޔާރަތްކުރައްވަމުންނެވެ.

މި ދަތުރުފުޅުގެ ތެރެއިން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވަނީ އިންޑިއާގެ ކަރްނާޓަކާގެ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ، ބަޔޯޓެކްނޮލޮޖީ އަދި ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އަޝްވަތު ނާރާޔަންއާއި ބައްދަލުކުރައްވާފައެވެ. އަދި މަތީ ތަޢުލީމާއި، އެކިކަހަލަ ހުނަރުތައް ތަރައްޤީކުރުމުގައި އެ ސިޓީ ފޯރުކޮށްދެވިދާނެ އެހީތެރިކަމާގުޅޭގޮތުންނާއި، މި ދާއިރާއިން ދިވެހިންނަށް ހުރި ފުރުޞަތުތަކާގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ވަނީ ބެގްލަރޫގައި ހުންނަ ކްރިސްޓް ޔުނިވަރސިޓީއަށް ޒިޔާރަތްކުރައްވާ، އެތަނުގެ މެނޭޖްމަންޓުގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގެ ތެރެއިން ދިވެހި ކިޔަވާކުދިންނަށް ސްކޮލަރޝިޕްގެ އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމާއި، ކްރިސްޓް ޔުނިވަރސިޓީގެ ފަރާތުން ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ އިންސްޓިޓިއުޓްތަކަށް ފޯރުކޮށްދެވިދާނެ އެހީތަކާގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އިންޑިއާގެ އެންމެ ފާހަގަކޮށްލެވޭ ޔުނިވަރސިޓީތަކުގެ ތެރޭގައި ހިމެނޭ ކްރިސްޓް ޔުނިވަރސިޓީގައި އަމިއްލަ ޚަރަދުގައި މިވަގުތުވެސް 33 ދިވެހި ދަރިވަރުން އަންނަނީ އެކި ދާއިރާތަކުން ކިޔަވަމުންނެވެ.


މި ދަތުރުފުޅުގެ ތެރެއިން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ދެން ވަޑައިގެންނެވީ ބެންގަލޫރުގެ ގާޑެން ސިޓީ ޔުނިވަރސިޓީއަށެވެ. އެ ޔުނިވަރސިޓީއަށް ވަޑައިގެން އެތަނުގެ ޗާންސެލަރ ޑރ ޖޮސެފްއާއި މިނިސްޓަރ ވަނީ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ އެކި ރަށްރަށުގައި ޓިވެޓް ސެންޓަރުތައް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، މި ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރު ޙިއްސާކުރެއްވިއެވެ. އަދި އޮނަރަރީ ކޮންސުލްސް ސްކޮލަރޝިޕް ޕްރޮގްރާމަށް އެމަނިކުފާނު ވެދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.


އޮނަރަރީ ކޮންސުލްސް ސްކޮލަރޝިޕް ޕްރޮގްރާމަކީ މަތީ ތަޢުލީމު ހާސިލްކުރަން ބޭނުންވާ ހުރިހާ ދަރިވަރުންނަށް ހަމަހަމަ ފުރުޞަތު ތަކެއް ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ތެރެއިން މިއަހަރުގެ އޭޕްރީލްމަހު ތަޢާރަފުކުރެވުނު ޕްރޮގްރާމެކެވެ.

މި ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން 2022-2023 އަށް 44 ސްކޮލަރޝިޕް ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މި ފުރުޞަތުތަކަކީ ޖުމްލަ 7 އޮނަރަރީ ކޮންސުލްސް އެއްގެ އެހީތެރިކަމާއެކު ހުޅުވާލާފައިވާ ފުރުޞަތުތަކެކެވެ.

އިންޖިނިއަރިންގެ ދާއިރާއިން ދިވެހި ދަރިވަރުން ކިޔެވުމުގެ ފުރުޞަތު ހޯދައިދިނުމުގެ އެއްބަސްވުމެއްގައި ރާއްޖެއާއި އިންޑިއާގެ ޖެއިން ޔުނިވަރސިޓީއާ ދެމެދު މި ދަތުރުފުޅުގެ ތެރެއިން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވަނީ ސޮއިކުރައްވާފައެވެ. މި އެއްބަސްވުމުގައި އެ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ޗާންސެލަރ ޑރ. ޗެންރާޖް ރޮއިޖަންދްއެވެ. ޖެއިން ޔުނިވަރސިޓީއާއެކު މިވެވުނު އެއްބަސްވުމުގެ ދަށުން އިންޖިނިއަރިންގެ ދާއިރާއިން އަންޑަރ ގްރެޖުއޭޓްގެ 25 ސްކޮލަރޝިޕްއެއް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އެއްބަސްވުމަކީ 5 އަހަރުދުވަހުގެ އެއްބަސްވުމެކެވެ.