ޚަބަރު

ޙައްޖުގެ އަޅުކަމަށްފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފި


ޙައްޖުގެ އަޅުކަމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެނބުރި މާލެ ވަޑައިގެންފިއެވެ.

ޙައްޖުގެ މަތިވެރި އަޅުކަމަށް ސަަޢުދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބިލުން ފަޒްނާ އަޙްމަދު މާލެ ވަޑައިގެންފައިވަނީ މިރޭގެ ވަގުތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސަޢުދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްޖިދުއްނަބަވީއަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި ރައީސް އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއާއި ރައީސް އޮފީހުގެ ޗީޕް އޮފް ސްޓާފް އަލީ ޒާހިރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ ސަޢުދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ކޮމަރސް މާޖިދު އަލް ގަސާބީއާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދު ޚާއްޞަކޮށް ވިޔަފާރީގެ ރޮނގުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ހަމައެހެންމެ މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ސަޢުދީ ޢަރަބިއްޔާއަށް ގޮސް ތިބި ދިވެހި ޙައްޖުވެރިންނާއި ބައްދަލުކުރައްވާ، ޙައްޖާޖީންގެ ހާލު ބައްލަވާލައްވާފައެވެ.

ޙައްޖުގެ އަޅުކަމަށް ރައީސްގެ ދެކަނބަލުން ސަޢުދީ ޢަރަބިއްޔާއަށް ވަޑައިގެންނެވީ މިމަހުގެ 4 ވަނަ ދުވަހުއެވެ. ޙައްޖުގެ އަޅުކަމަށްފަހު ރައީސްގެ ދެކަނބަލުން މިހާރު މާލެ ވަޑައިގެންފައިވާއިރު، ރާއްޖެއަށް ލިބުނު ކޯޓާގައި މިފަހަރު ޙައްޖަށް ދިޔަ ދިވެހިން މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން އަންނަން ފަށާނެއެވެ.

ޙައްޖުގެ އަޅުކަމަށްފަހު ދިވެހިން ޙައްޖާޖީން ރާއްޖެ އަންނަނީވެސް 3 ގްރޫޕަކަށް ބަހާލައިގެންނެވެ. މިގޮތުން މިމަހުގެ 20 ވަނަ ދުވަހާއި 23 އަދި 27 ވަނަ ދުވަހު ޙައްޖުވެރިން ރާއްޖެ އަންނާނެއެވެ. މިހުރިހާ ދިވެހިންވެސް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ސަޢުދީ އެއަރލައިންއިންނެވެ.